ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ބިން ދޫކުރައްވައިފި


މާލޭ ސިޓީގެ ތޮށްޖެހުން ކުޑަކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތެވެ. މިއީ ސިނާޢީ ސަރަޙައްދެއްގެ ގޮތުގައި މާލޭގައި ތަރައްޤީކުރައްވާ ފުރަތަމަ ސަރަޙައްދެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ މާލޭގެ މަލަމަތި އަނެއްކާވެސް ބަދަލުކޮށްލާނެފަދަ ބިޔަ މަޝްރޫޢެކެވެ.

img:http://s2.psmnews.mv/images/660x400/14675080385984.jpg|އިންޑަސްޓްރިއަލް ވިލެޖް - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ މަގުހެދުމުގެ މަސައްކަތް ހަލުވި މިނެއްގައި މިހާރުވެސް ކުރިއަށްދާއިރު، އެ ސަރަޙައްދަށް ބޭނުންވާ ފެނާއި، ނަރުދަމާ ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި އެ ސަރަޙައްދަށް ބޭނުންވާ ކަރަންޓުގެ ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް މިހާރު މިވަނީ ފަށްޓަވާފައެވެ. އެގޮތުން އެ ސަރަޙައްދަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކާ ސްޓެލްކޯއަށް ކަނޑައަޅުއްވާފައިވާ ބިން އެކުންފުންޏާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީއާއެކު ވަނީ ސޮއިކުރައްވާފައެވެ. އެކަމަށްޓަކާ ބޭއްވެވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޝަކޫރު ސޯލިޙްއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑަސްޓްރިއަލް ވިލެޖުން ދިހަ ހާސް އަކަފޫޓުގެ ބިމެއް އެކުންފުންޏާއި ވަނީ ޙަވާލުކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14893339462126.jpg|ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ހަމަޖައްސަވާ ބިން ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތްދިނުމަށްޓަކާ، މާލޭގައި މިހާރު ބޭނުންކުރާ ކަރަންޓުގެ ވިއުގަރއާއި އެއް ނުވާނެހެން، ވަކި ކަރަންޓުގެ ވިއުގަރއެއް ޤާއިމުކުރެއްވުމުގައި ސަރުކާރުގެ ވިސްނުންފުޅެއްކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޝަކޫރު ޞާލިޙް ވިދާޅުވީ، ވިހާވެސް ކުރު މުއްދަތެއްގެ ތެރޭގައި، އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކުރާ ޕަވަރ ހައުސްގެ މަސައްކަތް ނިންމެވުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށެވެ. އަދި މިތަން ފުރަތަމަ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަސް މެގަރވޯލްޓްގެ ކަރަންޓް އުފެއްދޭ މިންވަރަށްކަމަށާއި، ނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެތަނުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14893339625566.jpg|ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ހަމަޖައްސަވާ ބިން ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

މާލޭ އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ދަށުން މާލޭގައި ފުރަތަމަ ފަހަރަށް ތާރުއަޅައިގެން ރަނގަޅު ފެންވަރުގެ މަގެއް ހެދުމަށްފަހު، އެ މަގު މިހާރު ވަނީ ޢާއްމުން ބޭނުންކުރުމަށް ހުޅުވާލާފައެވެ. 

މި މަޝްރޫޢު އެއްކޮށް ނިމުމުން، އިންޑަސްޓްރިއަލް ވިލެޖުގައި މާލެއިން ކުނި ބޭރުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމާއި، މާލެތެރޭގައި ހުރި އެކިކަހަލަ ކެމިކަލް ގުދަންތަކާއި، ވަރކްޝޮޕް، ގަރާޖްފަދަ ތަންތަން ހިންގޭނެފަދަ މަލްޓި-ސްޓޯރީ ބިލްޑިންގތަކެއް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުން، މާލޭގައި ބޭނުންކުރަމުންދާ ހެވީ ވެހިކަލްތައް ޕާކްކުރެވޭނެ ސަރަޙައްދެއް ޤާއިމުކުރުމާއި، ރެޑީމިކްސް ކޮންކްރީޓް ހަދާ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެއެވެ.