ޚަބަރު

ރައީސްގެ އަނބިކަނބަލުން ދިއްދޫއާއި ހަނިމާދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ދިއްދުއަށާއި ހަނިމާދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ދިއްދުއަށް ވަޑައިގަތުމުން އެކަމަނާއަށް އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި އެރަށުގެ ގިނަ އަދަދެއްގެ ޢާއްމުން ދިއްދޫ ބަނދަރުމައްޗަށް އެއްވެފައިވެއެވެ. އެކަމަނާ ދިއްދުއަށް ވަޑައިގަތުމުން މަރުޙަބާ ދެނެންވުމުގެ ގޮތުން ދިއްދޫގެ ޒުވާން ފިރިހެން ކުދިންގެ ޚާއްޞަ އައިޓަމެއް ވަނީ ހުށަހަޅައިދީފައެވެ.

އެކަމަނާގެ ދަތުރުފުޅުގައި ދިއްދޫގެ ޢާއްމުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި މުއައްސަސާތަކުގެ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ހއ. މުރައިދޫން ޕީޕީއެމާ ގުޅުނު ސަތޭކަ އެއް މީހުންގެ ފޯމް ވަނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙަވާލުކުރައްވާފައެވެ.

އެކަމަނާގެ މިދަތުރުގައި، ދިއްދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ވަކިވަކިންވެސް ބައްދަލުކުރައްވައި އެމީހުންގެ ޙާލު އޮޅުންފިލުއްވައި އެމީހުންގެ އަޑުއައްސަވާފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ މިދަތުރުފުޅުގައި ހަނިމާދުއަށް ވަޑައިގަތުމުން އެރަށުންވެސް އެކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެކަމަނާގެ މިދަތުރުފުޅުގައި، ހަނިމާދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާވެސް ބައްދަލުކުރައްވައި އެމީހުންގެ ޙާލު ހުރިނެތްގޮތް ގާތުން ބައްލަވާލައްވައި އަޑުއައްސަވާފައިވެއެވެ. މީގެ އިތުރުން ހަނިމާދޫގެ އިސް ރައްވެހިންނާއި، ކައުންސިލް މެމްބަރުންނާއި، ރަށުގެ އަންހެން ކަނބަލުންނާ ބައްދަލުކުރައްވާފައިވެއެވެ. ހަނިމާދުއަކީ މިދަތުރުފުޅުގައި އެކަމަނާ ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.