ސިޔާސީ

އިތުބާރުނެތްކަމުގެ މައްސަލަ 27 ވަނަ ދުވަހަށް ތާވަލްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 26 މެންބަރުންގެ ސޮޔާއެކުގައެވެ. ޕީއެސްއެމައަށް މަޢުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މިމައްސަލައިގެ ނޯޓިސް އެ މެންބަރުންނަށް ފޮނުއްވާފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް ނޯޓިސް ދެއްވާކަމަށް މަޢުލޫމާތުލިބެއެވެ.

މިމައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އިތުބާރުނެއްކަމަށް ފާސްކުރާ ވޯޓްގައި މަޖިލީހުގެ ރައީސަށް ބައިވެވިވެވަޑައެއް ނުގެންނެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލަ ފާސްވިޔަ ނުދެއްވާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ޕީޕީއެމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްވާނީ އެމައްސަލައެއްގައި ވޯޓްގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.