ޚަބަރު

ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުމެއް


އިޖްތިމާއީ ޙިދުމަތްތެރިންގެ ހުނަރާ ފަންނީ ޤާބިލުކަން އިތުރުކުރެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ޔުނިސެފާއި ގުޅިގެން ކުރިއަށްގެންދަވާ އިޖްތިމާއީ ޙިދުމަތްތެރިންގެ ހުންރާ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުން ފެށްޓެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރ އަޠާޢުﷲ އަހުމަދު ރަޝީދުއެވެ. 

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ހައްޤުތަށް ރައްކާތެރިކުރުމުގައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރެއްވުން ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އެމިނިސްޓްރީން ދޭ ޙިދުމަތްތައް ރަނގަޅުވެ، މަސައްކަތުގެ މާއިދާނުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ފަސޭހަވެގެން ދާނެކަމަށް ސްޓޭޓް މިނިސްޓަރ އަތާޢުﷲ ފާހަގަކުރެއްވިއެވެ.

"މިފަދަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތްތަކާއި ދޭ ޚިދުމަތްތައް ރަނގަޅުވެ، މިނިސްޓްރީން އިޖްތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ މިނިސްޓްރީއަށް ކޮންމެ މަހަކު ހުށަހެޅޭ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި ޙަރަކާތްތެރިވާ ސޯޝަލް ވަރކަރުންގެ ޤާބިލުކަމާއި ހުނަރު އިތުރުކޮށް ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމުގައި އަޙުލުވެރިކުރެއްވުމެވެ.

މީގެ އިތުރުން، އިޖްތިމާއީ ޚިދުމަތްތެރިންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި އަދި ޚިދުމަތް ދެއްވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންކަމަށް ޙައްލުތައް ހޯދެއްވުމުގައި މިމަސައްކަތު ބައްދަލުވުމުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން ވިދާޅުވިއެވެ. ފަސްދުވަހުގެ މުއްދަތައް ކުރިއަށްގެންދަވާ ބައްދަލުވުމުގައި ރާއްޖޭގެ 19 އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) ތަކުގައި އަދި މިނިސްޓްރީގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ކުރިޔައްގެންދަވާ މަސައްކަތު ބައްދަލުވުމެކެވެ.