ތަރައްްޤީ

ޗައިނާ - ދިވެހިރާއްޖެ، ތަރައްޤީގެ ގުޅުމުގައި މިސާލެއް !


ޗައިނާ އަކީ މިއަދު ދުނިޔޭގެ އެންމެބޮޑު އެއް އިޤްތިޞާދެވެ. ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ މުނާސަބާ ފާހަގަކުރަމުންދާއިރު، މިއަދު ޗައިނާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ގާތް އެކުވެރިޔާއެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީގުޅުން ޤާއިމްކުރީ 1972ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 14ވަނަ ދުވަހުއެވެ.

img:http://s1.psmnews.mv/images/660x400/14753331576113.jpg|ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް(ކ)، ‏ޗައިނާގެ ރައީސް ޝީ ޖިންގޕިންގ(ވ)- ފައިލް ފޮޓޯ: ރައީސް އޮފީސް

ދެޤައުމުގެ ދެމެދުގައި ޒަމާންވީ ގުޅުމެއް އޮތްނަމަވެސް މިއަދު މިފެންނަހާ ގާތް ބަދަހި ގުޅުމެއް އުފެދި އިޤްތިޞާދީގޮތުން ދެޤައުމުގެ ގުޅުން އުސްމިންތަކަކަށް ދިޔައީ 2013 ވަނަ އަހަރު، ރައީސުލް ޖުމްޙޫރިއްޔާ ކަމުގެ މަޤާމާ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަވާލުވެވަޑައިގަތުމާއެކުކަން ފާހަގަކޮށްލަންޖެހެއެވެ.

ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވުމުގެ މައިގަނޑު ސަބަބަކީ، ރައީސް ޔާމީނުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިފަހުން ޗައިނާގެ ރައީސަކު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާފައިވަނީ ރައީސް ޔާމިނުގެ ޒައާމަތުގައި، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

img:http://s3.psmnews.mv/images/660x400/dhe-mashroo.jpg| ޗައިނާގެ އެހީގައި، ހިންގޭ ތަރައްޤީގެ މުހިންމު ދެ މަޝްރޫޢެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެއެވެ. މީގެ ތެރޭގައި އިޤްތިޞާދީ، އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫއުތަކާގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

މީގެ ތެރޭގައި އެމަޝްރޫއުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއު، އަދި ލ.އަތޮޅުގެ ބޮޑުމަގާއި އެއާޕޯޓުގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމާއި ބެހޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.މުޙައްމަދު ފައިސަލް ވިދާޅުވީ، ރައީސް ޔާމީނު ދެފަހަރެއްގެ މަތިން ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ޗައިނާގެ ރައީސް ޝީ ޖިންގޕިން ރާއްޖެއަށް ކުރެވި ދަތުރުފުޅުގެ ސަބަބުން މީގެކުރިން ދެޤައުމުގެ ގުޅުން ބަދަހި ވެފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14836090635476.jpg|ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފައިސަލް (ކ) ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް (ވ) - ފޮޓޯ: ފޮރިން މިނިސްޓްރީ

ދެ ޤައުމުގެ ސާޅީސް ހަތަރު އަހަރުވީ، ގުޅުމުގައި އަށްޑިހައިގެ ކުރީކޮޅު ރާއްޖޭގައި ކުރިއަށްގެންދިޔަ ސޯޝަލް ހައުސިން ސްކީމަށް ޗައިނާގެ އެހީތެރިކަން ލިބުނު ނަމަވެސް ފާއިތުވި އަހަރުތަކުގައި ޗައިނާ ސަރުކާރުގެ ފަރާތުން މާބޮޑެތި އެހީތަކެއް ހޯދާފައެއްނުވެއެވެ.

" އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢު. އަދި އެއަރޕޯޓް މަޝްރޫއު. މި ދެމަޝްރޫއު ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްއެބަދޭ. ޚާއްޞަ ގޮތެއްގައި ބްރިޖް މަޝްރޫއު ވަރަށް ހަލުވިކަމާއެކު ކުރިއަށްއެބަދޭ. އަޅުގަނޑު ދަންނަވާނީ ދެ ޤައުމުގެ ގުޅުމަށް ސާޅީސް ފަސް އަހަރު ފުރިގެންދާއިރު، އެމްބެސެޑަރެއްގެ ހައިސިއްޔަތުން އެންމެބޮޑަށް ހިތްހަމަ ޖެހެނީ ދެޤައުމުގެ ގުޅުން އޮތް ހިސާބު. މިއަދު މިފެނިގެންދަނީ މިއިން ޒަމާނަކުވެސް ދެޤައުމުގެ ދެމެދުގައި ކުރި ނާރާވަރަށް ގުޅުން ކުރި އަރަމުންދާތަން" ޑރ.ފައިސަލް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14892316724047.jpg|ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.މުޙައްމަދު ފައިސަލް

ޑރ.ފައިސަލް ވިދާޅުވީ، އިޤްތިޞާދީގޮތުން ޗައިނާ ސަރުކާރުން މިހާބޮޑު އެހީތަކެއް ދިނުމުގެ މައިގަނޑު ސަބަބަކީ ޗައިނާގެ ރައީސް ޝީ ޖިންގޕިން ރާއްޖެއަށް ކުރެވި ޒިޔާރަތުގައި އެމަނިކުފާނަށް ހުށަހެޅުއްވި، ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާކަމަށެވެ. ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާގެ ސަބަބުން، ރާއްޖެއަކީ އިޤްތިޞާދީގޮތުން މުސްތަޤްބަލެއް އޮތް ޤައުމެއްކަން ޗައިނާ ސަރުކާރަށް ޔަޤީންކުރެވިގެންދިޔަކަން ސަފީރު ފާހަގަކުރެއްވިއެވެ.

" އެ އެޖެންޑާ އަޅުގަނޑުމެން އެންމެފުރަތަމަ ރައީސް ޝީ ޖިންގޕިން ވަޑައިގަތީމަ ރައީސް ޔާމީން ހުށަހެޅުއްވީ. އެ އެޖެންޑާ ޗައިނާއަށް ކަމުދިޔަ. އޭރު ދެއްކެވި ރަސްމީ ވާހަކަތަކުގެ ތެރޭގައި ބްރިޖްގެ ވާހަކައާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ވާހަކަ ދެއްކެވި. ދެން އެހާހިސާބުން އަމަލީ މަސައްކަތްތަކަށް ބަދަލުވެގެން މިދިޔައީ. " ޑރ.ފައިސަލް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14875001194328.jpg|ޗައިނާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުން ރާއްޖޭގެ ޚާރިޖިއްޔާގެ އޮފިޝަލުންނާ ބައްދަލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް

ޗައިނާއިން ދެކޭގޮތުގައި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއްނަމަވެސް، އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަކީ މުސްތަޤްބަލު އޮތް ޤައުމެކެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު، ޤުދުރަތީ ވަސީލަތްތައް މަދު ނަމަވެސް ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ބާރުވެރި ޤައުމެއްކަމަށް ޗައިނާއިން ފާހަގަކުރެއެވެ. ޗައިނާއިން މިކަން ޤަބޫލުކުރުމުގެ މައިގަނޑު އެއް ސަބަބަކީ ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.