ޚަބަރު

ރައީސް ޔާމީން ކުދި އަތޮޅުތައް ދޫކޮށެއް ނުލައްވާނެ - މުބީން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުންނެވީ ރާއްޖޭގައި އޮތް ކުދި އަތޮޅުތައް ދޫކޮށްލައްވާ ގޮތަކަށް ނޫން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

އަންނަ ކައުންސިލް އިންތިޚާބުގައި ފ. ނިލަންދޫ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ފ. އަތޮޅުގެ އެހެން ރަށްތަކާ އެ އަތޮޅުގެ އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ތަޢާރަފު ކުރުމަށްޓަކައި ރޭ ފ. ނިލަންދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ފ. އަތޮޅަކީ ރާއްޖޭގައިވެސް އޮތް އެންމެ ކުޑަ އެއް އަތޮޅު ކަމަށާއި ނަމަވެސް އަދުގެ ސަރުކާރުން ފ. އަތޮޅަށް ގެންނަ ތަރައްޤީގެ ސަބަބުން ބައެއް ފަރާތްތަކުގެ މޭ ކަރަމުން އަންނަ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ފ. އަތޮޅުގެ ރައްޔިތުންނަށް މި ދަންނަވަނީ މިއީ އަޅުގަނޑުމެންގެ ނަސީބޭ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަކީ ނަސީބޭ،" މުބީން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޑރ. ޚަލީލް ވަނީ މި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

"ރާއްޖެއިން މުޒާހަރާ ކުރެވެން ނެތިގެން މިހާރު ހުންނަވާނީ އެބޭފުޅާ ލަންޑަނަށް ފޮނުވާލައިފަ. އެހެންވީމަ ދެން ރާއްޖެއަކު މުޒާހަރާއެއް ނުކުރެވޭނެ. އެކަމަކު ލަންޑަނުގައި އެބޭފުޅާ އެބަ މުޒާހަރާ ކުރައްވާ." ޚަލީލް ވިދާޅުވިއެވެ.