ޚަބަރު

ހަތަރު ކުއްޖަކަށް އިލެކްޓްރިކް ވީލް ޗެއަރ ހަދިޔާކޮށްފި


ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުއްޖަކަށް ދިވެހި އަސްކަރިއްޔާއިން އިލެކްޓްރިކް ވީލްޗެއަރ ހަދިޔާކޮށްފިއެވެ. 

މި ވީލް ޗެއަރ ހަދިޔާ ކުރުން އޮތީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ކުރިޔަށްގެންދިޔަ މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

އިލެކްޓްރިކް ވީލް ޗެއަރ ދެއްވާފައިވަނީ، ހއ އިހަވަންދޫ ދޯދި ހުސައިން ޝަރީފް، ހއ އިހަވަންދޫ ތެމާ ހުސައިން ސަލީމް، އަދި އެގޭ އަބްދުﷲ ސާމިލުގެ އިތުރުން އިހަވަންދޫ ބަހަރީ މުހައްމަދު މާއިޒް އަށެވެ. މީގެ އިތުރުން ސިފްކޯގެ ވެބްސައިޓް ހެދުމާއި ބެެލެހެއްޓުމަށްޓަކައި، ހުސައިން ސާލިމް އަދި އަބްދުﷲ ސާލިމް އަށް، ސިފްކޯއިން ވަނީ ވަޒީފާ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުދިންނަށް އިލެކްޓްރިކް ވީލް ޗެއަރ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްއެވެ. މި ހަތަރު ކުދިންނަކީ، އިހަވަންދޫގައި އެމްއެންޑީއެފުން ކުރިޔަށްގެންދިޔަ ކޯސް ފުރިހަމަ ކުރި ދަރިވަރުންނެވެ. އެގޮތުން މި ހަތަރު ދަރިވަރުންނާއެކު ނުކުޅެދުންތެރިކަން ހުންނަ ހަ ދަރިވަރަކު މި ކޯސް ފުރިހަމަށްކޮށްފައިވެއެވެ.