ފ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ މީހުން މަދު އެއް އަތޮޅެވެ. މި އަތޮޅަކީ މީގެކުރިން އެއްވެސް ސަރުކާރަކުން ތަރައްޤީގެ މަޝްރޫޢުތައް އެކަށީގެންވާ ވަރަށް ހިންގަވާފައިވާ އަތޮޅެއް ނޫން ކަމަށްވިއަސް، މިއަދު މިއަތޮޅުގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ މި އަތޮޅަކީވެސް އޮތް އަތޮޅެއްކަން އަދުގެ ސަރުކާރުން ޤަބޫލުކުރައްވައި އަތޮޅަށް ތަރައްޤީ ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމެވެ.
މާލެގޭ ދެކުނުން ގާތްގަނޑަކަށް 113.40 ކިލޯމީޓަރު ދުރުގައިވާ ނިލަންދެ އަތޮޅު އުތުރުބުރިއަށް ނުވަތަ ޢާންމުކޮށް ދިވެހިން ކިޔާގޮތުންނަމަ ފ. އަތޮޅަކީ ދިގުމިނުގައި 30 ކިލޯމީޓަރު، އަދި ފުޅާމިނުގައި 27 ކިލޯ މީޓަރު ހުންނަ ރަށެކެވެ. 2016 ވަނަ އަހަރުގެ ޖޫން މަހު ޢާންމުކުރެއްވި އާބާދީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފ.އަތޮޅުގައި 5900 އެއްހާ މީހުން ދިރިއުޅެއެވެ. ނަމަވެސް އަތޮޅުގައި މިހާރު ދިރިއުޅެނީ ގާތްގަނަޑަކަށް 4000 މީހުންނެވެ.
ފ. އަތޮޅުގައި ޖުމްލަ 23 ރަށް ހިމެނުނުނަމަވެސް މިއަތޮޅުގައި މީހުން ދިރިއުޅެނީ އެންމެ ފަސް ރަށުގައެވެ. އެރަށްތަކަކީ ފީއަލި، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ އަދި ނިލަންދޫއެވެ. 1999 ވަނަ އަހަރުން ފެށިގެން ފ. އަތޮޅުގައި ވެރިކަންކުރަމުން އަންނަނީ ނިލަންދޫގައެވެ. މުޅި އަތޮޅުގައިވެސް އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. އެހެންކަމުން އާބާދީ މަދު މި އަތޮޅުގައި ވަޒީފާގެ ފުރުޞަތުތަކަކީ ނެތް އެއްޗެކޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. އަތޮޅުގެ ރައްޔިތުންގެ ޝަކުވާއަކީ މިއީކަން ބައެއް މީހުންނާ ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ.
އިޤްތިޞާދީ ގޮތުން މާގިނަ މަސައްކަތްތަކެއް ނެތް ފ. އަތޮޅުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އަދި އަމިއްލަ ވިޔަފާރިއަކީވެސް އާމްދަނީ ހޯދުމަށް މި އަތޮޅުގެ ރައްޔިތުން ކުރާ މައިގަނޑު އެއް މަސައްކަތެވެ. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ މީހުން ޙަރަކާތްތެރިވަމުން އަންނަނީ ތަކެތި އުފެއްދުމުގެ ދާއިރާއިންނެވެ.
މުޅި އަތޮޅަށް ބަލާލިނަމަވެސް މި އަތޮޅުގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ފ. އަތޮޅަކީ އެއްވެސް ސަރުކާރަކުން އަޅާ ނުލައި ދޫކޮށްލާފައިވާ އަތޮޅެކެވެ. އެކަން އެގޮތަށް ދިމާވާން ޖެހުނު ސަބަބެއް ކަމަށް ނިލަންދޫ ރައްޔިތުން ޤަބޫލުކުރަނީ އަތޮޅަކީ ބައިމަދު އަތޮޅަކަށް ވެގެން ދިއުމެވެ. ނަމަވެސް ބައިމަދުވުމަކީ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްވެ ތަރައްޤީއަށް އެޅިފައިވާ ހުރަހެއް ކަމަށް، ފ. އަތޮޅުގެ ރައްޔިތެއްގެ ޙައިސިއްޔަތުން ނިލަންދޫ ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނެވެ.
ނަމަވެސް މިއަދު އެދުވަސް މާޒީވެގެން ހިނގައްޖެއެވެ. ފ. އަތޮޅަކީވެސް ރާއްޖޭގެ އެހެން އަތޮޅުތައް ފަދައިން ދިވެހި ރައްޔިތުން ދިރިއުޅެމުން އަންނަ އަތޮޅެއްކަން މިއަދު ސަރުކާރުން ޤަބޫލުކުރައްވައި މި އަތޮޅަށް ތަރައްޤީގެ ކުލަ ޖައްސައިދެއްވަމުން ގެންދަވާކަން ރައްޔިތުން އަންނަނީ ޤަބޫލުކުރަމުންނެވެ. އެއްފަހަރާ ހުރިހާ ތަރައްޤީއެއް ނުގެނެވޭނެކަން އެ ރައްޔިތުން ޤަބޫލުކުރެއެވެ. އަދުގެ ސަރުކާރުން ގެންދަވަނީ ފ. ނިލަންދޫގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަވަމުންނެވެ. އެގޮތުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއި ސްކޫލު އިމާރާތެއްގެ މަސައްކަތް ކުރަމުން އަންނައިރު، މުޅި އަތޮޅުގައިވެސް ބަނދަރެއް ނެތް ހަމައެކަނި ރަށް ކަމަށްވާ ފ. މަގޫދޫގައި ސަރުކާރުން ވަނީ 250 ފޫޓުގެ ބަނދަރެއް ހުޅުއްވައިދެއްވާފައެވެ. ސަރުކާރުގެ ޙިއްޞާ އޮންނަ އެމްޓީސީސީން މަސައްކަތް ކުރިއަށް ގެންދިޔަ މަގޫދޫ ބަނދަރަކީ40.1 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ސަރުކާރު ހަދާފައިވާ ބަނދަރެކެވެ.