ތަޢުލީމު

ޓީޗިންގއިން މާސްޓަރސް ހެދުމުގެ ފުރުޞަތު އެވިޑުން ތަޢާރަފްކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީޗިންގ ދާއިރާއިން މާސްޓަރސް ހެދުމުގެ ފުރުޞަތު އެވިޑް ކޮލެޖުން ތަޢާރަފްކޮށްފިއެވެ. އެކޮލެޖުންވަނީ ޓީޗިންގ އިން މާސްޓަރސްއަށް ކިޔެވުމަށް ދެ ކޯހެއް ތަޢާރަފްކޮށްފައެވެ.

އެވިޑް ކޮލެޖުން މުޅިން އަލަށް ތަޢާރަފްކުރި ދެ ކޯހަކީ މާސްޓަރސް އޮފް ޓީޗިން ޕްރައިމަރީއާއި، މާސްޓަރސް އޮފް ޓީޗިންގ ސެކަންޑްރީއެވެ. ޝީ ބިލްޑިންގގައި އޮތް ރަސްމިއްޔާތުގައި މި ކޯސް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އޮޑިއުކޭޝަން އަޙުމަދު ޝަފީޢުއެވެ. މިއީ ޓީޗިންގެ މާސްޓަރސް ކޯހެއް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.

މިރަސްމިއްޔާތުގައު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވަނީ އެވިޑް ކޮލެޖުން ރާއްޖެއަށް މިފަދަ މުހިންމު ކޯހެއް ތަޢާރަފްކުރީތީ އެކޮލެޖަށް ޝުކުރު އަދާކުރައްވާފައެވެ. ޝަފީޢު ވިދާޅުވީ، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދެވޭނީ ޓީޗަރުންގެ ފެންވަރު މަތިކޮށްގެންކަމަށާއި، ސަރުކާރުން މިކަމަށް ސިޔާސަތުތަކެއް މިހާރު ކަނޑައަޅުއްވާފައިވާކަމަށެވެ.

"ސަރުކާރުން މިހާރު ކަނޑައަޅުއްވާފައި މިއޮތީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ނޫނީ ކިޔަވައިދިއުމަށް ކަމަކުނުދެޔޭ. ހަމައެއާއެކީގައި އަޅުގަނޑުމެން މިބުނަނީ އަޅުގަނޑުމެން މިއަށްވުރެވެސް މައްޗަށް އަދި އެބަދާންޖެހެޔޭ. ސަރުކާރުން މިހާރު އަމާޒް ހިފާފައި މިއޮތީ ކުރިއަށްއޮތް ތިންއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސްކޫލަކުން ކިޔަވައިދިނުމަށްޓަކާ ވަޒީފާ ދެވޭނީ އެންމެ ދަށްވެގެން ޑިގްރީ ފެންވަރަށް ތަމްރީންވެފަތިބި ބޭފުޅުންނަށޭ". ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑްކޮލެޖްގެ ޗެއަރމަން އަބްދުﷲ މުޞްތާޤް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާވެގެންދާ މި ދަނޑިވަޅުގައި އަމިއްލަ ފަރާތްތަކުންވެސް ސަރުކާރަށް އެއްބާރުލުންދީ އެހީތެރިކަން ދޭންޖެހޭކަމަށެވެ. އަދި އެވިޑުން އަލަށް ތަޢާރަފްކުރި ކޯސްތައް ފަރުމާކޮށްފައިވަނީ ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ދަތިނުވާނެގޮތަށް ބަލާ ޗުއްޓީ ދުވަސްވަރާ ދިމާކޮށްކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮގްރާމް ފަރުމާކޮށްގެން ކިޔަވައިދިނުމަށްޓަކައި އަމާޒްކުރަނީ، ވީހާވެސް ބޮޑަށް ސްކޫލްތަކަށް ދަތިނުވާގޮތަށް، ކިޔަވައިދިނުމަށް ދަތިނުވާނެ ގޮތަށް އެބޭފުޅުންގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް މި ޕްރޮގްރާމް ކުރިއަށްގެންދަން. އެހެންވީމާ އަޅުގަނޑަށް ދެންނެވޭނީ ހަމަގައިމުވެސް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބުރޫ ނާރާނެ ފަދަގޮތަކަށް އަޅުގަނޑު ހެޔޮގޮތުގައި ޓީޗަރުންނަށް ފޯރުކޮށްދެއްވަމުން ގެންދާނަމޭ. ރާއްޖޭގައި އަލަށް މިފަދަ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާއިރު އަޅުގަނޑުމެން ބަލާނަން ކިޔަވައި ދިނުމުގައި ވީހާވެސް ފަންނުވެރި ބޭފުޅުން ގެނެސްގެން ވީހާވެސް ބޮޑަށް ކިޔަވައިދިނުމަށް. އަދި ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭރުން ބައެއް ލެކްޗަރާއިން ގެނެސްގެން މި ޕްރޮގްރާމްގައި ކިޔަވައިދިނުމަށް އަޅުގަނޑުން މަސައްކަތް ކުރާނަން." މުޞްތާޤް ވިދާޅުވިއެވެ.

މި ކޯހުގެ މުއްދަތަކީ އެއްއަހަރާއި ހަތަރު މަސްދުވަހެވެ. ނަމަވެސް ކިޔެވުމަށް ހޭދަވާނީ އެއް އަހަރުކަމަށް އެވިޑް ކޮލެޖުން ބުނެއެވެ. މި ކޯސްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ މޭމަހުގެ ފަނަރަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުށައަޅާ ވިހި ފަރާތަށް ކޯހުގެ ފުރަތަމަ ޕޭމެންޓްގެ %50 ޑިސްކައުންޓް ލިބޭނެކަމަށް އެވިޑް ކޮލެޖުން ބުނެއެވެ. އެވިޑް ކޮލެޖްގައި މިހާރުވެސް މާސްޓަރސް ފެންވަރުގެ ކޯސްތައް ހިންގަމުންދެއެވެ.