ސިއްހަތު

އައިޖީއެމްއެޗުގައި ކިޑްނީގެ ދުވަސް ފާހަގަކުރައްވައިފި


ދުނިޔޭގެ ކިޑްނީގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދަވައިފިއެވެ.

ކޮންމެ މާރޗްމަހެއްގެ ދެވަނަ ބުރާސްފަތި ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ކިޑްނީގެ ދުވަހުގެ ގޮތުގައެވެ. މިއީ ކިޑްނީއަށް ޖެހޭ ތަފާތު ބަލިތަކާއި، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް އާއްމުންނަށް ބާރުއެޅުމުގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިއަހަރުގެ ކިޑްނީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ " ބަރުދަން އިތުރުވުމާއި - ކިޑްނީގެ ބަލިތައް" މި ޝިއާރެވެ.

ރާއްޖޭގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ޝިއާރާއި ގުޅުވައިގެން އައި.ޖީ.އެމް.އެޗުގައި ވަނީ ތަފާތު ޙަރަކާތްތަކެއް ކުރިއަށްގެންދަވާފައެވެ. މީގެތެރޭގައި "ބޮޑީ މާސް އިންޑެކްސް" ނުވަތަ އިސްކޮޅާއި ބަރުދަން ގުޅޭ މިންވަރު ބަލައިދިނުމާއި، ލޭގެ ޕްރެޝަރ ބަލައިދިނުން އަދި ހަކުރު ހުރި މިންވަރު ބަލައިދިނުން ހިމެނެއެވެ. ހަމައެހެންމެ ކިޑްނީގެ މުހިއްމުކަމާއި، ކިޑްނީއަށް ޖެހޭ ބަލިތަކާއި، އެ ބަލިތަކުން ދިފާޢުވުމަށް ކުރެވޭނެ ކަންތައްތަކާގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތުދިނުންވެސް ހިމެނެއެވެ.

އައި.ޖީ.އެމް.އެޗުން ކުރިއަށްގެންދެވި ޙަރަކާތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ކިޑްނީގެ ޚާއްޞަ ޑޮކްޓަރ، ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ، ކިޑްނީއަށް ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށްޓަކާ ކުރެވިދާނެ ކަންކަމާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކާ ކުރެވިދާނެ ކަންތައްތަކާއި، ރަނގަޅުގޮތުގައި ބަރުދަން ލުއިކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޢާއްމުންނަށް މަޢުލޫމާތުދެއްވާފައިވާކަމަށެވެ. 

އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރައްވާފައިވާ ޑައިލިސިސް ޔުނިޓުގެ ވޯޑް މެނޭޖަރ އާއިޝަތު ހާމީދު ވިދާޅުވިގޮތުގައި، ކިޑްނީގެ ބަލިތަކާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިވާ މިންވަރު އިތުރުވި ނަމަވެސް، ކިޑްނީ ހަދިޔާކުރުމަށް ޖެހިލުންވާ ފަރާތްތައް އަދިވެސް އެބަތިބިކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ޢާއްމުންނަށް ހިތްވަރުދީ، ބާރު އެޅުމަކީވެސް މިފަދަ ޙަރަކާތެއް ހިންގުމުގެ މުހިއްމު ބޭނުންމެއްކަމަށެވެ.

މީގެ އިތުރުންވެސް، އައި.ޖީ.އެމް.އެޗުން ވަނީ ކިޑްނީގެ ދުވަހާއި ގުޅުވައިގެން، ސްކޫލްތަކުގައި މަސައްކަތްކުރައްވާ ޓީޗަރުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށް، ކިޑްނީ ބައްޔަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންދަވާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްވެސް އިތުރު ޙަރަކާތްތަކެއް ރޭވިފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.