ޚަބަރު

"މޯލްޑިވްސްޓީވީ" ލޯންޗް ކޮށްފި


ރާއްޖެއާބެހޭ މައުލޫމާތައި ރީތި މަންޒަރުތައް ދުނިޔޭގެ ހުރިހާ ބައްރުތަކަށް ގެނެސްދިނުމަށް ޚާއްޞަ ދިވެހިންގެ ފުރަތަމަ ޓީވީ ޗެނެލް" މޯލްޑިވްސްޓީވީ" ލޯންޗް ކޮށްފިއެވެ. 

މޯލްޑިވްސް ޓީވީ ލޯންޗް ކޮށްފައިވަނީ މިހާރު ބަރލިންގައި ކުރިޔަށްދާ އައިޓީބީ ބަރލިން ފެއަރގެ ތެރޭގައެވެ. މޯލްޑިވްސް ޓީވީ އަކީ ޓުއަރިޒަމް މިނިސްޓްރީއާއި ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާގެ ކުޑައިގެ ދަށުން ހިންގާ ޗެނަލެކެވެ. 

މޯލްޑިވްސް ޓީވީ ލޯންޗްކޮށްދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މި ޗެނަލްގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ރާއްޖެ އިސްތިހާރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. 

ޕީއެސްއެމްގެ ޗެއާރމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، މިއަދު ލޯންޗްކުރި މޯލްޑިވްސް ޓީވީ ޗެނަލަކީ، ރާއްޖޭގެ އިގްތިސާދު ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޕީއެސްއެމުން ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި މި ޗެނަލަކީ، ރާއްޖޭގެ ފަތުރުވެރިކަން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް ލޯންޗް ކުރެއްވި ޓީވީ ޗެނަލެއް ކަމަށެވެ. 

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ރާއްޖޭގެ ރީތިކާމާ ސަގާފަތާ، އާދަކާދަ ބަލާލުމަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަޤްސަދުގައި ލޯންޗް ކުރެއްވި ޓީވީ ޗެނަލަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު އޮތް ޗެނަލެއް ކަމަށެވެ. މިއީ ތިން އަހަރު ދުވަހުގެ މަޝްރޫޢެއް ކަމަށާއި، އަމާޒަކީ  މިޒާތުގެ އެހެން ޗެނަލްތަކާ އެއްހަމައެއްގައި މޯލްޑިވްސް ޓީވީ ފައިތިލަ ސާބިތު ކުރުންކަމަށެވެ.

img:http://s2.psmnews.mv/images/660x400/14890731747459.jpg|މޯލްޑިވްސް ޓީވީ ލޯންޗުކުރުމަށް ބޭއްވި ހަފްލާ

މޯލްޑިވްސް ޓީވީ ގެ ނަމުގެ ޗެނަލެއް އުފައްދަން ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ނިންމެވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ މި ބްރޭންޑް ލޯންޗް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ޕީއެސްއެމުން ލޯންޗް ކުރި މޯލްޑިވްސް ޓީވީއަކީ  ރާއްޖޭގެ ފަތުރިވެރިކަން ބޭރު ދުނިޔޭގައި ޕްރޮމޯޓްކުރުމަށާއި، ރާއްޖޭގެ ނަލަކަމާއި، ދިރިއުޅުމުގެ އާދަކާދައާއި ވަށްޓަފާއިއާއި، ޘަޤާފަތާއި، ފަތުރުވެރިކަން ބޭރު ދުނިޔެއަށް ދައްކަމުން ގެންދިއުމަށް ޕީއެސްއެމުން ލޯންޗްކުރާ ޓީވީ ޗެނެލެކެވެ. އެގޮތުން މި ޗެނެލްއިން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ހުރިހާ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކާއި،ޑޮކިއުމެންޓްރީތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޗެނެލްގެ ސަބަބުން ރިސޯޓްތަކަށާއި، ގެސްޓްހައުސްތަކާއި، އެއަލައިންތަކާއި، ޓްރެވެލް އޭޖްޓުންނަށް ވަރަށް ގިނަ މަންފާއެއް ކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބެނެއެވެ. އެޕް ސްޓްރީމްކޮށް 24 ގަޑިއިރު ލައިވްކޮށް ޓީވީ ބަލާލެވޭނެއެވެ. މިހާރު އެޕްސްޓްރީމްކޮށްދެއްކިނަމަވެސް ކައިރި މުސްތަޤްބަލެއްގައި ޓީވީއިންވެސް މިޗެނަލް ބްރޯޑްކާސްޓްކުރަން ފަށާނޭކަމަށް ޕީއެސްމުން ބުނެއެވެ.