ވިޔަފާރި

ފްރީ ޓްރޭޑް އެއްބަސްވުމާގުޅޭ މަޝްވަރާތައް މިއަދު ނިމޭނެ


ރާއްޖެއާއި ޗައިނާ ދެމެދު އެކުލަވާލާ ފްރީ ޓްރޭޑް އެއްބަސްވުމުގެ އެންމެފަހުގެ މަޝްވަރާތައް މިއަދު ނިމޭނެއެވެ.

ދެ ޤައުމުގެ މެދުގައި މި މަޝްވަރާތައް ކުރިއަށްގެންދަނީ، ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. މިނިވަން ވިޔަފާރީގެ އެންމެ ފަހު ބުރުގެ މަޝްވަރާތައް ފަށާފައިވަނީ، މިމަހުގެ ހަތްވަނަ ދުވަހުގައެވެ.

މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.

ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމަށް ރާއްޖެއާއި ޗައިނާއިން ކުރިއަށްގެންދިޔަ ވާހަކަތަކުގައި މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖެއިން ޗައިނާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން އެއްވެސް ޓެކްސްއެއް ނުނެގުމަށް ނިންމަވާފައިވާ ނިންމެވުން ފާހަގަކޮށްލެވެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ބެހޭގޮތުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެކްސްޕޯޓް އިތުރުވެ، މަސްވެރިކުންފުނިތަކާއި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނޭކަމަށެވެ.

ޗައިނާގެ އިތުރުންވެސް ބައެއް ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، ޖަޕާން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ފާހަގަކޮށްލެވެއެވެ.