ޚަބަރު

މޯލްޑިވިއަނުން ތަފާތު ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަކޮށްފި


މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވިއަނުން އަންހެނުން ކުރޫއަކާއެކު ޚާއްޞަ ދަތުރެއް ދަރަވަންދޫއާށް ކޮށްފިއެވެ. މިއަދު މެންދުރުފަހު ތިނެއް ޖެހިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބ.ދަރަވަންދުއަށް ކުރި މިދަތުރުގެ ހުރިހާ ކަމެއް ބަލަހައްޓާފައިވަނީ އަންހެނުންނެވެ.

ދަރަވަންދޫ އެއަރޕޯޓުން މޯލްޑިވިއަންގެ މި ފްލައިޓަށް ވަނީ އަންހެން ބޭފުޅުންގެ ނެށުމުގެ ޙަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައެވެ.  

ދަރަވަންދުއަށް މޯލްޑިވިއަނުން ކޮށްފައިވާ މި ޚާއްޞަ ދަތުރުގެ، ފްލައިޓު ކެޕްޓަން، ކޯ ޕައިލެޓު، ކެބިން ކުރޫއުން އަދި ފްލައިޓުގެ ލަގޭޖު ލޯޑު ކުރުމުގެ މަސައްކަތްކޮށްފައިވަނީ އަންހެން ބޭފުޅުންނެވެ.

މި ދަތުރުގައި އައިލެންޑު އޭވިއޭޝަންގެ ބައެއް އަންހެން މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. ދަތުރުގެ ބައިވެރިން ވަނީ މިފަދަ ދަތުރެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމުން އެކަމާ އުފާވާ ކަމަށާއި، މިފަދަ ކަމެއް ތަޖުރިބާކޮށްލަން ލިބުމުން، އޭވިއޭޝަން ދާއިރާގައި ދިވެހި އަންހެންދަރިން ކުރާ މަސައްކަތް ފެނި ފަޚްރުވެރިވާ ކަމަށް ބުނެފައެވެ.  

މޯލްޑިވިއަނުން އަންހެން ކުރޫއުންނާއެކު އާއްމުކޮށްވެސް ދަތުރުކުރާ ކަމަށާއި އެހެންނަމަވެސް މިފަދަ ދުވަހަކާ ގުޅުވައިގެން ޚާއްޞަގޮތަކަށް މިފަދަ ކަމެއް ކޮށްފައިވާއިރު، އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ އުފާ ކުރާ ކަމަށް ބޯޓުގެ އޮފިޝަލުން ބުންޏެވެ.

އައިލެންޑު އޭވީއޭޝަންގެ މަރކެޓިންގެ މެނޭޖަރ ޝަމާ ބުޝްރީ ވިދާޅުވީ އައިލެންޑު އޭވިއޭޝަންގައި ގިނަ ވާނީ އަންހެން މުވައްޒަފުން ކަމަށާއި، މިއަދު ފެނިގެން މިދިޔައީ މުވައްޒަފުންގެ ކުޅަދާނަ ކަމާއި ހުނަރުވެރިކަން ކަމަށެވެ. ދިވެހި އަންހެނުން އަންނަނީ ތަފާތު އެކިއެކި ދާއިރާތަކުގައި ވަޒީފާ އަދާކޮށް ފިރިހެނުންނާއި އެއް ހަމައެއްގައި ފައި ހަމަކުރަމުންނެވެ. އެގޮތުން ރާއްޖޭގައިވެސް މިހާރު ގިނި އަދަދަކަށް ދިވެހި އަންހެން ޕައިލެޓުން ތިބިކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.