ޚަބަރު

ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް - މަޖިލިސް ރައީސް


ހުރިހާ ކަމެއްވެސް ﷲ ގެ އިރާދަފުޅާއެކު ދާނީ ރަނގަޅަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ނެގުމަށް މަސައްކަތްކުރާ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭގޮތުން ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ 26 މެމްބަރުންގެ ސޮޔާއާއެކު ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. ނަމަވެސް އޭގެތެރެއިން އެއް މެމްބަރަކީ ޕީޕީއެމްގެ މެމްބަރެކެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުއްލަތީފް މުޙައްމަދެވެ. ލަތީފް ވަނީ ޕީޕީއެމް އަދި އެމްޑީއޭ ގުޅިގެން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވެވި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް ނަންގަވާ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ވޯޓު ނުދެއްވާނެ ކަމަށް ލަޠީފް ވަނީ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި ޕީޖީ ގްރޫޕްގައިވެސް ވިދާޅުވެފައެވެ.

img:http://s1.psmnews.mv/images/660x400/14889846182174.jpg|ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު / ފޮޓޯ: ޕީއެސްއެމް

ޕީޖީ ގްރޫޕްގެ ބައްދަލުވުން ނިންމާލެއްވުމަށް ނުކުމެވަޑައިގެން ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވީ އެއްވެސް ކަމެއް ގޯސް ނުވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ﷲގެ އިރާދަފުޅުން ރަނގަޅުވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ﷲގެ އިރާދަފުޅާއިއެކު އެއްވެސް ކަމެއް ގޯހެއް ނުވާނެ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް،" މަޞީޙް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕގް ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މިވަގުތު މާލޭގައި ތިއްބެވި 34 މެމްބަރުން ގުޅިފައިވާ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިގެންނެވި ކަމަށެވެ. ރަށުގައި ނޫޅުއްވާ މެމްބަރުންވެސް އިތުބާރު ނެތްކަމުގެ ވޯޓަށް މާލެވަޑައިގެން، އިދިކޮޅު ފަރާތްތަކުގެ ޕްލޭން ފެއިލް ކޮށްލައްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"މިއަދުގެ ބައްދަލުވުމުގައި އަޅުގަނޑުމެން ވިޕްލައިން ކަނޑަނޭޅިނަމަވެސް ސައްތައިން ސައްތަ ހުރިހާ މެމްބަރުންވެސް އިއްތިފާޤަކީ މި މައްސަލައަށް އަޅުގަނޑުމެން މެމްބަރުން ވޯޓެއް ނުދެއްވާނެ،" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރ ޢަލީ ޢާރިފް ވިދާޅުވީ މިފަދަ ވޯޓެއް އިދިކޮޅު ފަރާތްތަކުން ނެގުމަށް މަސައްކަތް ކުރާއިރުވެސް މިއީ އެބޭފުޅުންނަށް ކާމިޔާބުކުރެއްވޭނެ ވޯޓެއް ނޫންކަން ޔަގީނުންވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14889846876541.jpg|ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް / ފޮޓޯ: ޕީއެސްއެމް

"މިކަމުގައި އަޅުގަނޑުމެން މިތިބީ ވަރަށް ބަދަހިކޮށް، ސަރުކާރުން މުޅި ރާއްޖެއަށް މި ގެންނަމުންދާ ތަރައްޤީ ބަޔަކު މީހުން ހުއްޓުވަން މަސައްކަތް ކުރިޔަސް އެކަން ހުއްޓުވިޔަކަށް އަޅުގަނޑުމެން ނުދޭނަން،" އަލީ އާރިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅުއްވިއިރު މަޖިލިސް ރައީސެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްވާނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޤާނޫނު މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަންޖެހެއެވެ. އަދި މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެއެވެ. އެދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެ. މަޖިލީހުގެ ރައީސް ވަކިކުރުމާ ބެހޭ ބަހުސްގައި ބައިވެރިވެ ދިފާއުވުމުގެ ހައްގު ރައީސަށް ލިބިގެންވީ ނަމަވެސް މަގާމުން ވަކި ކުރަން ނަގާ ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެއެވެ.