ޚަބަރު

މަކުނުދޫ ސްކޫލަށް 10 ކްލާސްރޫމް އިތުރުކުރައްވަނީ


ހދ. މަކުނުދޫ ސްކޫލުގައި 10 ކްލާސް ރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތުގެ މަސައްކަތް ކުރެއްވުމަށް، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިފިއެވެ. 

އެއް އަހަރު ދުވަހުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް އެކުންފުންޏާއި ސަރުކާރުން މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ 9.7 މިލިއަން ރުފިޔާއަށެވެ. އެކަމަށްޓަކާ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢިލް އަދި ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ. 

img:http://s3.psmnews.mv/images/660x400/14889804820895.jpg|އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިކް އިބްރާހިމް އިސްމާއިލް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހދ. މަކުނުދޫ ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެއްވަމުންދެއެވެ. އެސްކޫލުގައި މިވަގުތު 335 ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ. މަކުނުދޫ ސްކޫލުގައި ކިޔަވައިދިނުމަށް މިވަގުތު ބޭނުންކުރަނީ އެންމެ 9 ކްލާސް ރޫމެވެ. އެހެންކަމުން ޢަލަށް ޢިމާރާތްކުރައްވާ މި 10 ކްލާސް ރޫމުގެ މަސައްކަތް ނިމުމުން، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެދަތިކަން ޙައްލުވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

ހދ. މަކުނުދޫގައި އިމާރާތްކުރައްވަން ހަމަޖެހިފައިވާ 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ މާޗުމަހުގެ ނިޔަލަށް ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.