ޚަބަރު

އިންވެސްޓަރުންނަށް ހުރަސްއެޅުމުގެ އަމަލުތައް ކުށްވެރިކޮށްފި


ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ހުރަަސްއެޅުމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ސަރުކާރާ އިދިކޮޅު ފަރާތްތައް ގުޅިގެން، މަސައްކަތްކުރާކަމަށް ތުހުމަތުކޮށް، އެކަން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން މިކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރުކަމުގައިވާ ފަތުރުވެރިކަމަށާއި އެކަމާ ގުޅުންހުރި އެކިއެކި ދާއިރާތަކަށް ހުރަސްއެޅުމުގެ ގޮތުން، ސަރުކާރާ ދެކޮޅު ފަރާތްތަކާއި އަދި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އިސްވެ ތިއްބަވައިގެން މަސައްކަތްކުރައްވަނީ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މިބަޔާނުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރުކަމުގައިވާ ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރައްވަމުންގެންދަވާ މަސައްކަތަކީ ދިވެހި ވިޔަފާރިތަކަށާއި މުޅި އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވާނެކަމެއްކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ނާޒުކު އިޤްތިޞާދަށާއި ރައްޔިތުންނަށް ގެއްލުންވާނޭފަދަ އެއްވެސްކަމެއް ނުކުރުމަށް ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ބަޔާނުގައި އިދިކޮޅު ފަރާތްތަކަށް ގޮވާލާފައިވެއެވެ.