ޚަބަރު

އަލިފާނުގެ ހާދިސާގައި މަރަދޫ އަބުހަރީގެއަށް ބޮޑެތި ގެއްލުންތަކެއް


އައްޑޫ ސިޓީ މަރަދޫ އަބުހަރީގޭގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިވަޑައިގަތީ ރޭ ދަންވަރު 01:20 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވުނީ 02:30 ހާއިރުކަމަށާއި، މިޙާދިސާގައި އެގޭގެ އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާކަމަށެވެ.

އަލިފާން ރޯވެގެން އުޅޭކަން އެނގުނީ، ގޭ މީހުން ނިދާފައި ތިއްބާ އަވަށްޓެރިއަކު، ގޭގައި ރޯވެގެން އުޅޭވާހަކަ ބުނުމުން ކަމަށް އެ ގޭގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ އަލިފާނުގެ ޙާދިސާއާއި ގުޅިގެން ގޭގައި ނުއުޅެވޭވަރަށް ގެ އެއްކޮށް އަނދާ ހުލިވެފައިވާކަމަށެވެ.

ފުލުހުން ގެންދަވަނީ މިޙާދިސާ އިތުރަށް ތަޙުޤީޤުކުރައްވަމުންނެވެ.