ޚަބަރު

"ހުނަރުވެރި ކުދިން ބިނާކުރުމަށް ޕީއެސްއެމްއިން މަސައްކަތްކުރާނެ"


ވާހަކަދެއްކުމުގެ މުބާރާތުގައި މޮޅު ހުށަހެޅުންތައް ހުށަހަޅާ ކުދިންގެ ހުނަރު ހާމަކޮށްދިނުމަށް ޕީއެސްއެމުން މަސައްކަތްކުރާނެކަމަށް ފަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މި މުބާރާތް ދިވެހި ރައްޔިތުންނާ ހަމައަށް ވީހާވެސް ރަނގަޅަށް ގެނެސްދީ، އަދި މި މުބާރާތަކީ ވީހާވެސް ގިނަބަޔަކު ބަލައި، ކުދިންގެ ހުނަރު ވީހާވެސް ރަނގަޅަށް ފެނިގެންދާނެ މުބާރާތަކަށް ހެދުމަކީ ޕަބްލިކް ސަރވިސް މީޑިއާގެ އެންމެބޮޑު މަޤްޞަދު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމުބާރާތް ނިމުމުގެ ކުރިން މިހުރިހާ ކުދިންނަށް ޕްރެޒެންޓޭޝަނެއް ދިނުމަށް ޕަބްލިކް ސަރވިސް މީޑިއާއިން މަސައްކަތްކުރާނަން. އެއީ އަޅުގަނޑުމެންގެ މީޑިއާގައި ހުރި ފުރުޞަތުތައް، ވާހަކަދެއްކުންތެރިންނަށް، ޕްރެޒެންޓަރުންނަށް، އަދި މޮޅަށް ހުށައަޅާ ކުދިންނަށް ވަރަށް ރަނގަޅު ފުރުޞަތު އަޅުގަނޑުމެންގެ މީޑިއާގައި އަބަހުރި. އެފަދަކުދިންތަކެއް މުބާރާތުގެތެރެއިން ނެރެ އަޅުގަނޑުމެންގެ މީޑިއާއާއި ހަމައަށް ގެންގޮސް ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއިން އެކުދިންގެ އަޑާއި އެކުދިންގެ ވާހަކަދެއްކުމާއި، އެކުދިންގެ ހުނަރު ހާމަކޮށްދިނުން އަޅުގަނޑުމެންގެ މަޤްޞަދަކަށް އިރާދަކުރެއްވިއްޔާ މިފަހަރު ހަދާނަން." އިކްރާމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިކްރާމް ވަނީ ވާހަކަދެއްކުމުގައި ވިސްނަންޖެހޭ ބައެއްކަންތައް އަމިއްލަ ތަޖުރިބާގެ އަލީގައި މި މުބާރާތުގައި ވާހަދަކުރާ ދަރިވަރުންނާ ޚިއްޞާކުރައްވާފައެވެ. މިގޮތުން މޮޅަށް ވާހަކަދެއްކުމަށްޓަކައި އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ އަމިއްލަ ނަފްސަށް އިތުބާރު އޮތުންކަމަށް އިކްރާމް ވިދާޅުވިއެވެ.

"ޖަންގަލީގެ ތެރެއިން މިސާލެއް ޖަހާނަމަ އަޅުގަނޑު މިސާލެއް ޖަހަންބޭނުމީ، ފުއްލާއެއް ގަޑިއެއްގެ އިރުތެރޭ 90 ކިލޯމީޓަރަށް ދުވޭ. ސިންގާއެއް ދުވަނީ ގަޑިއެއެއްގެ އިރުގެތެރޭގައި 58 ކިލޯމީޓަރގެ ބާރުމިނުގައި. މި ދޭތި ދުވެލީގައި ވަރަށްބޮޑު ތަފާތެއް އެބަހުރި. ގާތްގަނޑަކަށް 32 ކިލޯމީޓަރ ބާރަށް ފުއްލާ ދުވޭ ސިންގާއަށްވުރެ. އެކަމަކު ޖަންގަލީތެރޭގެ އާދައަކީ ސިންގާގޮސް ފުއްލާ އަތުލައިގަތުން. މަޑުންދުވާ އެތިގޮސް ބާރަށް ދުވުމުގެ ޤާބިލްކަން ﷲ ދެއްވާފައިވާ ސޮރު މިއަތުލައިގަންނަނީ ކީއްވެބާއޭ. މީ ސުވާލަކީ. ހަޤީޤަތަކީ ފުއްލާ ސިންގާގެ ކިބައިން ސަލާމަތްވާން ދުއްވާގަންނައިރު 90 ކިލޯމީޓަރ ބާރުމިގައިގޮސް މީނަގެ ކިބައިން އެތައް ރާސްތާއެއް ކަޑައްތުކޮށް ސަލާމަތްވެނޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮންނަ ނަމަ އެ ފުއްލާ ސަލާމަތްވާނެއޭ. އެހެންނަމަވެސް ތިމަންނާ ފަހަތުން މިއަންނަނީ ބިރުވެރި ވަރުގަދަ ނުރައްކާތެރި ޖަނަވާރެކޭ ތިމަންނަ ކާލާނެއޭ ހިތައްއަރާކަމުގައި ވަންޏާ އަބަދު ފަހަތަށް ބެލޭނެ، އަތްފައި ތުރުތުރުވެސް އަޅާނެ، ދެން ކުރިއަކަށް ނުވެސް ދެވޭނެ. ވަކިހިސާބަކުން ސިންގާއައިސް އެސޮރު ޝިކާރަކުރާނީ. އެހެންވީމާ މީ ވާހަކަދެއްކުންތެރިކަމަށްވެސް ވާ ގޮތަކީ. ތިމަންނާއަކަށް މިކަމެއް ނުވާނެއޭ ހިތަށް އަރާފިކަމަށް ވަންޏާ ކުޑަކޮށް އަޅައަޅާ ގަންނަގޮތްވެސްވާނެ. ދޫ އޮޅޭގޮސްވެސް ވާނެ. ދާހިއްލާގޮސްވެސް ވާނެ. ތުރުތުރުއަޅާ ގޮތް ވެސްވާނެ. ވާހަކަނުދެއްކޭގޮތްވެސް ވާނެ." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ވާހަކަދެއްކުމަކީ އެއީ އިންސާނާއަށް ލިބިގެންވާ އެންމެ ބާރުގަދަ އެއް ހަތިޔާރުކަމަށެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވަވާ ބައްތިރީސް ވަނަ ޤައުމީ ވާހަދަދެއްކުމުގެ މުބާރާތުގައި 22 ސްކޫލަކުން 299 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއީ މި މުބާރާތުގައި އެންމެ ގިނަ ކުދިން ބައިވެރިވި އަހަރެވެ.