އަންހެނުންގެ ދައުރު އޮތީ ހަމައެކަނި ތަމްރީން ކުރުމުގެ ހިސާބަކުން ނޫން ކަމަށާއި އިޤްތިޞާދީ މަސައްކަތްތަކުގައި ވެސް އަންހެނުންގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް އެންމެ ބޭނުންވާ ދެ ދާއިރާގެ އެންމެ ބޮޑު އަޣުލަބިއްޔަތު އޮތީ އަންހެނުންގެ ކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާއާ ތަމްރީނާ ތަރުބިއްޔަތުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގައި ކޮށްފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުގައި، އަންހެން ލީޑަރުންނަށް ބާރުވެރިކަން ލިބި ކަންކަން ނިންމާ ހިސާބަށް ދިއުމުން އެކަމުގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނަނީ އިޖްތިމާޢީ ދާއިރާއިން ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރާއްޖޭގައިވެސް އަންހެނުންގެ ޙައްޤުތަކާގުޅޭގޮތުން އެންމެ ބޮޑަށް ކުރަމުން އަން އެއް ޝަކުވާ އަކީ އެންމެ ބާރުވެރި ދާއިރާ ނުވަތަ އެންމެ ބާރުވެރި ހިސާބަށް އަންހެނުންގެ ޙިއްޞާ ނުގެންދިއުން ކަމަށާއި ނަމަވެސް އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.