ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އަންހެނުންގެ ދުވަހެވެ. މިއަދަކީ އަންހެނުންގެ ޙައްޤުތަކާ ގުޅޭ ހުރިހާ ކަމެއް ހިމެނޭހެން އަންހެނުންގެ އަޑުއުފުލާ އެ ވާހަކަތައް އެންމެ ފުޅާ ދާއިރާއެއްގައި ދެކެވޭ ދުވަހެވެ.

މުޖުތަމަޢުގެ ހުރިހާ ކަމެއްގައި  އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދީ، އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވާހަކަދެކެވޭ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ އަށްވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކާއި، ހައްޤުތައް ހޯދައި ދިނުމާއި، އެ ފަރާތްތަކުގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރުން ހިމެނެއެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމާއެކު، ޙައްޤުތައް އޭގެ ފުރިހަމަ މާނައިގައި އަންހެނުންނަށް ލިބިދިނުމަށް މަސައްކަތް ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމާއި ދިރިއުޅުމުގެ ކަންތައްތަކުގައި ދެޖިންސުގެ ހަމަހަމަކަމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.  

މުޖުތަމަޢުގައި އަންހެނުންގެ އެންމެ އިސް ދައުރަކީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ. ދަރިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި  ދަރިން ބައްޓަން ކުރުމެވެ. އަދި  ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނެއް ހުންނައިރު ދިރިއުޅުން ބާއްޖަވެރި ކުރުމުގައިވެސް އަންހެނުންގެ ދައުރަކީ މުހިންމު ދައުރެކެވެ.

މިއަދުގެ ދުނިޔޭގައި ޖަމާޢަތުގެ ހުރިހާ ދާއިރާތަކެއްގައިވެސް އަންހެނުންގެ ޙިއްޞާ ބޮޑެވެ.

އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާޢީ ދާއިރާގައި އަންހެނުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ. އަދި މިއަދުގެ ދުނިޔޭގައި ސިޔާސީ މައިދާނުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކޮށް، ބާރުވެރި ކުރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، އިޤްތިޞާދީ މަސައްކަތްތަކަށް އަންހެނުން ނެރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖިންސީ ހަމަހަމަކަމުގެ ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކި ސިފަ ސިފައިގައި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށް މިވަނީ ޤާނޫނީ ބާރު ލިބިފައެވެ. ނަމަވެސް ޤާނޫނުގައި އޮތް ކަމެއްގެ ގޮތުގައި ބަލައިނުގަނެ، މިކަމުގައި ފަރުދީ ޒިންމާވެސް އަދާކުރުންވެސް މުހިންމެވެ.