ޚަބަރު

އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބެންޖެހޭ- ރައީސް


ދިވެހިން ދެމިތިބޭނީ ހުޅުވާލެވިފައިވާ ދުނިޔޭގެ އިޤްތިޞާދުގައި ފާހަގަކުރެވޭ ބައިވެރިއެއްގެ ގޮތުގައި ކަމަށާއި އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ދިވެހިންނަށްވެސް ލިބެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފ. އަތޮޅު ސަޢުދީ ޢަރަބިޔާ އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ އިރާއި ހުޅަނގުގައި ދިރިއުޅޭ ދިވެހިންގެ ރަހުމަތްތެރިންނެކޭ އެއްގޮތަށް، ދިވެހިން ދެމިތިބޭނީ ހުޅުވައިލެވިފައިވާ، ދުނިޔޭގެ އިޤްތިޞާދުގައި ފާހަގަ ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14698650471052.jpg|ފ.އަތޮޅު- ފޮޓޯ: ގޫގްލް އާތް

މިކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނިލަންދެއަތޮޅު އުތުރުބުރިއާއި ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން ރޭވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ފަހި ކޮށްދިނުން ކަމަށެވެ. މި ސަރަހައްދުގައިވެސް، އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، ބޭރުގެ ފަރާތްތަކުން އެކި ޤައުމުތަކުގައި އިންވެސްޓް ކުރުމަކީ އާންމު ކަމެއް ކަމަށާއި ތަރައްޤީގެ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތައް އުތުރު އެމެރިކާއާއި، ޔޫރަޕާއި، އޭޝިޔާއާއި، މެދު އިރުމަތީގެ ޤައުމުތަކުން ރާއްޖެއިން ދަނީ ހޯދަމުން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ރާއްޖެއިން އިތުރު އިންވެސްޓަރުން ހޯދުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމަކީ، ވަރަށް ހިތާމަހުރި، ދެފުށް ދެގޮތް އަމަލެކެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14878761299310.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

އިޤްތިޞާދީ ކަންކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކަށް މި ސަރުކާރުން މަރުހަބާ ކިޔާ ނަމަވެސް، ހަމަ އެއާއެކު މިފަދަ ކަންކަމުގައި، ދެކުނު އޭޝިޔާ ސަރަހައްދުގައި ރާއްޖެއަކީ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާ، ހަރަކާތްތެރި، އިސްނަގާ ޤައުމެއްގެ ގޮތުގައި ސިފަކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ

ވަކި ފަރާތަކަށް ޖެހިފައިވާ، އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، މި ސަރުކާރުން އެދެނީ ރާއްޖޭގެ ރަށްރަށަށް ގެންނަމުން މިދާ ތަރައްޤީ ފާހަގަ ކުރުން ކަމަށް ވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

img:http://s1.psmnews.mv/images/660x400/14779995441175.jpg|އައި-ހަވަންގެ ޑިޒައިނެއް / މިއީވެސް ސަރުކާރުގެ ބޮޑު މަޝްރޫޢުއެއް

"މި ސަރުކާރުގެ އިޤްތިޞާދީ އަމާޒުތަކަށް ވާސިލްވުމަށް ސާބިތުކަމާއެކު ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އައްސޭރިފަށަށް، ދިވެހި ރައްޔިތުންނަށް، މައުނަވީ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފާހަގަ ކުރުމަށާއި، މި ކަންކަމާ ދެކޮޅަށް ކުރާ ދެކޮޅު ނުޖެހޭ ބަހުސްތަކަށް އަޅައިނުލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަމެވެ." ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާވާފައިވާ މައި މަޝްރޫޢުގެ އެއްބައި ކަމަށާއި މި މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގެ އެއްވެސް އަތޮޅެއް ބޭރުގެ ފަރާތަކަށް ވިއްކާފައެއްނުވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ނިލަންދެއަތޮޅު އުތުރުބުރިއަށް ގެންނަ ތަރައްޤީއަކީ، ގެދޮރުވެރިކަމާއި، މަތީ ފެންވަރުގެ ތަރައްޤީއާއި، އެތައް ޓޫރިސްޓް ރިސޯޓަކާއި އެއާޕޯޓްތައް ފަދަ، އެކި ދާއިރާތަކުގެ ތަރައްޤީ ހިމެނޭ ގޮތަށް ހިންގުމަށް ރާވާފައިވާ ބޮޑު، ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކުރާ އެތައް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.