ޚަބަރު

ކަރަންޓު ވިއުގަ ގުޅާލާ، ކޭބަލް ސިސްޓަމް ޑިޒައިންކޮށް ނިމިއްޖެ


ބްރިޖްގެ ތެރެއިން މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ކޭބަލް ސިސްޓަމް ޑިޒައިންކޮށް ނިމިފައިވާކަމަށް އެންވަޔަރްމަންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްގެންދަވާ ފަސްސާސް މެގަވޮޓްގެ ކަރަންޓްގެ މަޝްރޫޢުގެ ވިއުގަ މާލެއާއި ގުޅާލުމަށް، ބްރިޖްގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ 130 ކިލޯ ކޭވީއޭގެ ހައި ޓެންޝަން ކޭބަލް ސިސްޓަމްގެ ޑިޒައިނިންގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެންވަޔަރްމަންޓް މިނިސްޓަރ ވިދާޅުވީ ކޭބަލް ނެޓްވޯކް ސިސްޓަމާއި، ހުޅުމާލޭގައި ކުރިއަށްދާ 50 މެގަވޮޓްގެ ފިފްތު ޕަވަރ ޕްރޮޖެކްޓާއެކު މާލެ ސަރަޙައްދުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ އިންޖީނަށް ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސް، އެތަކެތި ކޮމިޝަން ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މާލޭގެ ކަރަންޓު އަޕްގްރޭޑްކުރުމުގެ ގޮތުން 8 މެގަވޮޓްގެ ޖަނެރޭޓަރެއް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުނެވެ. އާޖަނަރޭޓަރު އިންސްޓޯލްކޮށް ނިންމާ އަންނަމަހު، އެޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓުދޭން ފެށޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.