ރިޕޯޓް

"ތަރިކަ، މަޝްރޫޢަކީ ރައީސް ޔާމީން އެޅުއްވި މުހިއްމު ފިޔަވަޅެއް"


އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙް ދިވެހިންގެ މެދުގައި އާލާކުރެއްވުމުގެ މަސައްކަތްތަކެއް ކުރައްވަން ސަރުކާރުން ނިންމެވުމަކީ ދިވެހި ޤައުމުގެ ހެވާއި، ލާބައަށްޓަކައި ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، ތަރިކަ މި މަޝްރޫޢު އިފްތިތާޙްކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރެއްވުމުގެ މަޝްރޫޢު "ތަރިކަ" އިފްތިތާޙްކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ދިވެހިންނަކީ، ޒަމާނުއްސުރެ އިސްލާމް ދީނަށް ލޯބިކުރާ، އަމިއްލަ ޤައުމާއި، މިނިވަންކަމާއި، ޤައުމުގެ އިސްތިޤްލާލާއި، ޤައުމީ ލޯބި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ބައެއްކަމަށެވެ. 

އެގޮތުން ދިވެހި ކާބަފައިންނަކީ ދިވެހި ޤައުމު ފަޚުރުވެރިވާ ތާރީޚެއް ދޫކުރެއްވި ވަރުގަދަ ފަހްލަވާނުންތަކެއްކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ. އެހެންނަމަވެސް

ޒަމާނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މުޖްތަމައުގައި އަށަގަންނަމުންދާ ބައެއް ނޭދެވޭ އާދަތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީނުގެ ވަޙްދަތު ދެމެހެއްޓުމާއި، ޤައުމިއްޔަތުގެ ރޫޙް އާލާކުރުމައްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

"އިސްލާމް ދީނާއި، ޤައުމިއްޔަތު އަލުން ދިރުވައި އާލާކުރުމައްޓަކައި، މިފައްޓަވާ ވަރުގަދަ ބިޔަ މަޝްރޫޢުގެ ސަބަބުން އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމިއްޔަތުގެ ރޫޙު ވަރަށް ރަނގަޅަށް ޖަރީކުރެވިގެންދާކަން ސާބިތުވެގެންދޭ. އެކަމައްޓަކައި ޤައުމިއްޔަތައް ފަޙުރުވެރިވާ، މިޤައުމުދެކެ ލޯބިވާ ބައެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޅިގަޢުމުގެ ޙައްޤުގައި މިފައްޓަވާ މުހިއްމު މަޝްރޫޢެއަށްޓަކައި އެންމެހާ ބޭފުޅުންގެ ނަންފުޅުގައި ތަޙްނިޔާ ދަންނަވައި ޝުކުރުދަންނަވަން" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

ތަޙުޒީބު ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމައްޓައި، ޢުމްރާނީ، އިޤްތިޞާދީ، ޞިނާޢީ އަދި އިޖްތިމާޢީ ގޮތުން ޤައުމަށް ގެންނަވާ ހެޔޮބަދަލުތަކާއެކު މިއަދު ޤައުމުގެ ނައު ދަތުރުކުރަމުންދަނީ ރަނގަޅު މިސްރާބަށްކަން ދިވެހިން ޤަބޫލުކުރާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން "ތަރިކަ" މަޝްރޫޢުގެ އެންމެހައި ކަންކަން އެންމެ އިސްކޮށް ވިލަރެސްކުރައްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ، ތަރިކަ މަޝްރޫޢު އަމާޒު ކުރައްވާފައިވަނީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ޚާއްސަކުރައްވައިގެންކަމަށެވެ. އަދި މިމަޝްރޫޢު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވަން އެންމެ އިސްކަމެއް ދެއްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްކަންވެސް އަބްދުއްރަޝީދު ހުސެއިން ފާހަގަކުރެއްވިއެވެ. 

"ރަށްރަށުގައިވެސް މިކަން ހިންގުން، ޖަލްސާތައްވެސް ބޭއްވުން، ބޯޅަދަނޑުތަކުގައިވެސް މިކަން ބޭއްވުން، މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށްވެސް މިކަން ހުންގުން. މިހުރިހާ ގޮތަކަށް މިކަން ރޭވިގެން ހިނގާނެ. ޤައުމީ ހުރިހާ މުނާސަބަތެއްގައިވެސް މިކަން ދެއްކެމުންދާނެ. މިގޮތުގައި މިކަން ރޭވިގެން އިރާދަކުރެވިއްޔާ މަސައްކަތް ކުރިއަށްދާނެ. އަޅުގަނޑުމެންގެ އުންމީދަކީ އެއީ، އެގޮތަށް މިހާރު ރޭވިފައި އޮތީވެސް. މިހުރިހާކަމެއްވެސް އަޅުގަނޑުމެން ކުރިއަށް ދިޔައީ، ރައީސް ޔާމީންގެ ލަފާފުޅާއެކުގައި. ކޮމެޓީ ބޭފުޅުންގެ މަޝްވަރާއާއި، އެބޭފުޅުންގެ ހިތްވަރުފުޅާއި، މަސައްކަތްޕުޅާއެކީގައި،." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

އިސްލާމްދީނަށް އިސްކަން ދީ  ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ރައްކާތެރިކޮށް، "ތަރިކަ" މަޝްރޫޢަށް  ކުރިއަށް ގެންދެވުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި، އެހީތެރިކަން ދެއްވުމަށް  ސަރުކާރުން އެދިވަޑައިގަންނަވައެވެ.