ޚަބަރު

ވޯޓަރސް ލިސްޓު، ވޯޓުލާ މަރުކަޒުތަކަށް ވެއްދޭގޮތަށް ހަމަޖައްސައިފި


ވޯޓްލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓު ހިފައިގެން ވޯޓްލާ މަރުކަޒުތަކަށް ވަނުމުގެ ހުއްދަ ކެނޑިޑޭޓުންގެ މަންދޫބުންނަށް އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ އެގޮތަށް ނިންމެވީ ޤައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާކުރެއްވުމަށް ފަހުކަމަށެވެ. ވޯޓްލާ މަރުކަޒަށް ވޯޓަރސް ލިސްޓް ވެއްދުމުގެ ހުއްދަ، ކެނޑިޑޭޓުންގެ މަންދޫބުންނަށް ކޮމިޝަނުން އަލުން ދެއްވާފައި މިވަނީ ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހުން އެކަން މެދުކެނޑިފައި އޮތުމަށްފަހުއެވެ. އަދި ވޯޓަރސް ލިސްޓުގައި ނުހިމެނޭ އެތައް ބަޔަކު ވޯޓުލަމުންދާކަމަށް ކޮމިޝަނަށް ބައެއް ފަރާތްތަކުން ފާޑުކިޔާފައިވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ އޮބްޒާވަރުންނާއި މަންދޫބުންނަށް ވޯޓްލާ މަރުކަޒަށް ވޯޓަރސް ލިސްޓް ވެއްދުމުގެ ހުއްދައާއެކު އެންމެ ފުރިހަމަ ގޮތުގައި އިންތިޚާބު އޮބްޒާރވްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ކައުންސިލް އިންތިޚާބަކީ ދެފުށް ފެންނަ، ހާމަކަން ބޮޑު އިންތިޚާބަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 15ވަނަ ދުވަހުއެވެ.