ރިޕޯޓް

"ރަސްގެފާނުގެ ދަތުރުފުޅަކީ ދެޤައުމުގެ އަޚުވަންތަކަމުގެ ރަމްޒެއް"


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިމަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އެތައް ދާއިރާއަކުން ވަރަށްބޮޑަށް ހަރުދަނާވެ ބަދަހިވެފައި ވާކަމުގެ ހެއްކެއްކަމަށް ސަޢޫދީއަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢަބްދުﷲ ޙަމީދު ވިދާޅުވެއްޖެއެވެ. 

ސަޢުދީ ޢަރަބިއްޔާގެ ޚަލީޖިއްޔާ ޓީވީ  ގެ "ޙަވާރު، ދިބްލޫމާސީ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ޙަމީދު ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިމަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ވަރަށް ޚާއްސަ ދަތުރުފުޅެއްކަމަށެވެ.މިއީ ރަސްގެފާނު ރާއްޖެ ވަޑައިގަންނާ 3 ވަނަ ފަހަރުކަން ފާހަގަކުރައްވަމުން ޙަމީދު ވިދާޅުވީ، މިއިންދޭހަވަނީ މިދެޤައުމުގެ ގުޅުން އެކިރޮނގުރޮނގުން ބަދަހިވެފައިވާ މިންވަރުކަން ކަމަށެވެ. 

ސަޢުދީގެ މިހާރުގެ ރަސްގެފާނު ސަޢޫދީ އަރަބިޔާގެ ރިޔާޟްގެ ގަވަރުނަރަކަށް ހުންނެވިއިރު 2010 ވަނަ އަހަރުގެ އެޕްރީލްމަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. އަދި  ސަޢޫދީގެ ވަލީޢަހުދަކަށް ހުންނެވިއިރު 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވެއެވެ. 

ރައީސް ޔާމީން ވެރިކަމަށްވަޑައިގަތްފަހުން އެތައްފަހަރު ސަޢުދީ އަރަބިއްޔާއަށް ވަޑައިގަތްކަމަށާ، މިއީ ދެޤައުމުގެ ގުޅުމުގެ އިތުރުން މިދެޤައުމުގެ އެންމެ އިސްވެރިންގެ މެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށް ޙަމީދު ވިދާޅުވިއެވެ. 

ސަޢުދީއަރަބިއްޔާއާއި ރާއްޖެއާ ދެޤައުމަކީވެސް ސައްތައިންސައްތަ އިސްލާމީ ދެޤައުމުކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ދީނީގޮތުން ދެޤައުމުގެ ދެމެދުގައި، ޒަމާނުއްސުރެ އޮތީ ވަރަށްޚާއްސަ އަޚުވަންތަ ގުޅުމެއްކަމަށެވެ. 

ސަޢުދީ ޢަރަބިއްޔާއަކީ އިޤްތިޞާދީގޮތުންބަލާއިރު، ވަރުގަދަ މުއްސަނދި ޤައުމަކަށްވެފައި، އިޤްތިޞާދާއި، ވިޔަފާރީގެ ރޮނގުން އެޤައުމާ ގުޅުން ބަދަހިކުރުމަކީ ރާއްޖެއަށް އެތައްގޮތަކުން ފައިދާކުރާނެކަމެއްކަން، ދެކެވަޑައިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދެޤައުމުގެގުޅުން މިދާއިރާތަކުން ވަރަށްބޮޑަށް ހަރުދަނާކުރައްވާފައި ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14888752762274.jpg|ޢަބްދުﷲ ޙަމީދު ސަޢުދީ ޢަރަބިއްޔާގެ ޚަލީޖިއްޔާ ޓީވީ ގެ "ޙަވާރު، ދިބްލޫމާސީ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

އަދި ރައީސް ޔާމީނަކީ އިޤްތިޞާދީ ސިޔާސަތަކާއެކު ވެރިކަމަށްވަޑައިގެންވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވި ދުވަސްތަކަށްބަލާއިރު، އިޤްތިޞާދީގޮތުން ޤައުމަށް ބޮޑެތި ބަދަލުތަކެއް ނެގެސްފައިވާކަމަށެވެ.

ސަޢުދީ އަރަބިއްޔާއާއައި، ރާއްޖެއާދެމެދު އޮތް ޒަމާންވީ އަޚުވަންތަކަމުގެ ވަރުގަދަ ގުޅުމުގެ ތެރެއިން، އެޤައުމުގެ ފުޅާ އިޤްތިޞާދުގެ ހެޔޮފައިދާ ރާއްޖެއަށް ހޯދޭނެކަން ޤަބޫލުފުޅުކުރައްވައި، ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ މިހާރުވެސް ޤައުމުން ފެންނަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއިންނާއި، އިޖުތިމާޢީ ދާއިރާއިންނާއި، ސިއްޙީ ދާއިރާއިންނާއި، ތަޢުލީ ދާއިރާއިން ފަހަކަށް އައިސް ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ރާއްޖެއަށް ވަރަށްބޮޑަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެންދާނެކަމަށާ، ރަސްގެފާނު ސަލްމާނުގެ ދަތުރުފުޅުގެ ސަބަބުންވެސް އިޤްތިޞާދީ ބޮޑެތި ފުރުސަތުތައް ފަހިވެގެންދާނެކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. 

މިޕްރޮގްރާމުގައި ސަފީރުވަނީ ފަތުރުވެރިކަން ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރައްވައި، ތަރައްޤީކުރައްވަން ރައީސްޔާމީނުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. 

އަދި ޚާރިޖީ ދާއިރާއިން ފަހަކައިއައިސް އައި ބައެއް ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އީރާނާ އެކު އޮތް ސިޔާސީގުޅުން ކަނޑާލުމާގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވީ، އެގުޅުން ކަނޑާލަންޖެހުނީ ދެޤައުމުގެދެމެދު ފަހަކަށްއައިސް ޚިޔާލުތަފާތުވުން ބޮޑުވުމުގެ ސަބަބުންކަމަށެވެ. އެގޮތުން މެދުއިރުމަތީގެ މައްސަލަތަކުގައި އީރާނުން އަދާކުރާ ދައުރާއި ރާއްޖޭގެ ވިސްނުން ތަފާތުވެ އެންމެ ރަނގަޅުގޮތަކީ މިގުޅުން ކަނޑާލުންކަމަށް ރާއްޖެއަށް ޤަބޫލުކުރެވުނީކަމަށް ސަފީރު ވިދާޅުވިއެވެ. އެހެންނަމަވެސް އެމައްސަލައިގެ ތަފްސީލް ހާމަކުރައްވަން ބޭނުންފުޅުނުވާކަމަށް ސަފީރުވިދާޅުވިއެވެ. 

މީގެއިތުރުން ރާއްޖޭގައި ޓެރަރިސްޓުން ޙަރަކާތްތެރިވާކަމަށްބުނެ، ބައެއްޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށާއި، ޓެރަރިސްޓު ޖަމާޢަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ގިނަ ޢަދަދެއްގެ މީހުން ދާކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި ރާއްޖޭގެ ސަފީރަށް ސުވާލު ދަންނަވާފައިވެއެވެ. އެއަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ވަރަށް އަމާން ޤައުމެއްކަމަށާ، އެފަދަ އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިނގާކަމަށެވެ. އަދި ބޭރުގެ ބައެއް ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާ ދިވެހިންގެ ޢަދަދުގެ ގޮތުގައި ބައެއްފަރާތްތަކުން ހާމަކޮށްފައިވާ ޢަދަދުތަކަކީ ހަޤީހަތެއްނޫންކަމަށްވެސް ސަފީރުވިދާޅުވިއެވެ. 

އެހެންނަމަވެސް ނިސްބަތުން ވަރަށްމަދުބަޔަކު އެފަދަ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާކަން ފާހަގަކުރެވި އެކަމަށްޓަކައި، ފިޔަވަޅުތައް އަޅުއްވައި އެފަދަކަންކަންވެސް ހުއްޓުވުމަށް ދިވެހި ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންކަމަށް ސަޢޫދީއަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢަބްދުﷲ ޙަމީދު ވިދާޅުވިއެވެ.