ވިޔަފާރި

އިންޝުއަރެންސް ދެ ޕްލޭނެއް ދިވެހި އިންޝުއަރެންސުން ތަޢާރަފްކޮށްފި


ކުންފުނިތަކުގެ ސިނީއަރ މެނޭޖްމަންޓަށާއި، ޕްރޮފެޝަނަލް ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޝުއަރެންސް ދެޕްލޭނެއް ދިވެހި އިންޝުއަރެންސް ކުންފުނިން ތަޢާރަފްކޮށްފިއެވެ.

ދިވެހި އިންޝުއަރެންސުން ތަޢާރަފްކުރީ ޑައިރެކްޓަރސް އެންޑް އޮފިސަރސް ލައިބިލިޓީ އިންޝުއަރެންސް ޕްލޭނާއި، ޕްރޮފެޝަނަލް އިންޑެމްނިޓީ އިންޝުއަރެންސް ޕްލޭނެވެ. ދިވެހި އިންޝުއަރެންސުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ސެމިނަރގައި މިދެޕްލޭން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ.

img:http://s2.psmnews.mv/images/660x400/14887957704363.jpg|

މިޕްލޭނާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްވާހިދު ތައުފީޤު ވިދާޅުވީ މިއަދު އިފްތިތާޙުކުރި ޕްލޭންތަކަކީ، ކުންފުނިތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ އިހުމާލުތަކަށް ތިންވަނަ ފަރާތްތަކުން ދަޢުވާކޮށްފިނަމަ އޭގެ ބަދަލު ލިބޭ އިންޝުއަރެންސްއަކާއި، ޕްރޮފެޝަނަލް ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތަކުގައި ވެވޭ އިޙްމާލުތަކަށް ތިންވަނަ ފަރާތަކުން ދަޢުވާކޮށްފިނަމަ އޭގެ ބަދަލު ލިބޭ އިންޝުއަރެންސެއް ކަމަށެވެ.

ހުސްވި އަހަރުގެ އޮގަސްޓުމަހު ޚިދުމަތްދޭން ފެށި ދިވެހި އިންޝުއަރެންސް ކުންފުންޏަކީ ދިވެހިންގެ 100 ޕަސެންޓް ޙިއްސާ އޮންނަ އަދި ހަމައެކަނި ދިވެހިން މަސައްކަތް ކުރާ އިންޝުއަރެންސް ކުންފުންޏެކެވެ.