ރިޕޯޓް

ތަޢުލީމު ދިނުމުގައި ސަރަޙައްދުގެ ކުރީގައި ރާއްޖެ !


ސަރަޙައްދީ ޤައުތަކާ އަޅާ ބަލާއިރު، ދިވެހިރާއްޖެ މިދަނީ އެކި ރޮނގުރޮނގުން ކުރިއަރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްޤީކުރައްވައި ފުޅާކުރައްވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ދެމެހެއްޓެނެވި ތަރައްޤީގެ ދުނިޔޭގެ ލަނޑުދަނޑިތަކުގެ ތައުލީމީ އެޖެންޑާގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ރާއްޖެ މިވަނީ ހާސިލް ކޮށްފައެވެ.  

ރާއްޖޭގައި 14 އަހަރުގެ ތައުލީމް ހިލޭ ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާއިރު، ރާއްޖެ ވެފައި މިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ދުނިޔޭގެ ލަނޑުދަނޑީގެ، ތަޢުލީމުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ފަށާ ތަޢްލީމުގެ ކުރިން އެއް އަހަރުގެ ޕްރީސްކޫލު ތަޢުލީމު ހިލޭ ދިނުން، ކަށަވަރު ކުރި މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ތައުލީމް ހިލޭ ދެއްވުމަށް ސަރުކާރުން ނިންމަވައި އެކަން އިފްތިތާޙް ކުރައްވާފައިވަނީ ނިމިގެން މިދިޔަ އަހަރުއެވެ.

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްވަޢުދަކީ އެއްވެސް ކުއްޖެއް ބާކީ ނުކޮށް ހުރިހާ ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ވަޢުދެވެ.

img:http://s2.psmnews.mv/images/660x400/5046.jpg|ޕްރީސްކޫލް ޓީޗަރުންނަށް ބާއްވާ ޓްރެއިނިންގ ކޭމްޕުގައި ބައިވެރިވުމަށް އައި ޓީޗަރުންތަކެއް- ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހުރިޔާގެ މި ވަޢުދާއެކު ދިވެހި ކޮންމެ ކުއްޖަކަށްވެސް އުމުރުން 4 އަހަރުން ފެށިގެން، އެ ކުދިންގެ އުމުރުން 18 އަހަރު ފުރެންދެން، ހިލޭ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ރަސްމީކޮށް ވަނީ ފަށާފައެވެ. ރާއްޖޭގެ ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމާއި، މަތީ ޘާނަވީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭދެވޭ ރަސްމީތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު މިވަނީ ހަމަޖައްސަވާފައެވެ.

2017 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ، ސަރުކާރު ސްކޫލްތަކުގައި ހިލޭ ޕްރީ ސްކޫލް ތަޢުލީމު ދޭން ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަށް ވާސިލް ވުމަށްޓަކައި ތަޢުލީމާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ފަށްޓަވައި، ބޮޑެތި ކާމިޔާބީތައް ހާސިލް ކުރައްވާފައިވެއެވެ. ތައުލީމާއި ބެހޭ ވަޒީރު ޑރ.ޢާއިޝާތު ޝިހާމް ވިދާޅުވީ، ސަރުކާރުން ގެންނެވި މިބަދަލާއެކު، ޕްރީސްކޫލުގެ ޕްރޮގްރާމްތަކަކީ، ޤާބިލް ޕްރިންސިޕަލަކާއި މެނޭޖްމެންޓް ޓީމެއްގެ ބެލުމުގެ ދަށުން ހިނގާ ޕްރޮގްރާމްތަކަކަށް ހައްދަވައި ކިޔަވައިދިނުން ޤަވާޢިދުން ސުޕަވައިޒްކޮށް ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމަށެވެ.

މީގެ ސަބަބުން ޕްރީސްކޫލްތަކަށް ކިޔަވާދެއްވާ ޓީޗަރުންނަކީ ސަރުކާރު ސްކޫލްތަކުގެ އެހެން ޓީޗަރުންފަދައި ޑިގްރީ ފެންވަރަށް ކިޔަވާފައިވާ، ތުއްތުކުދިންނަށް ކިޔަވައިދިނުމުމުގެ ޚާއްޞަ ފަންނުވެރި، ޤާބިލު ބަޔަކަށްވުމުގެ ފުރުޞަތު ހުޅުވޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14855929257370.jpg|ޕްރީސްކޫލް ޓީޗަރުންނަށް ބޭއްވި މަސައްކަތުބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތައުލީމީ ދާއިރާގެ އެއް ލަނޑުދަނޑި އަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެހުރިހާ ޤައުމަކުން ފަށާތަޢުލީމު ފެށުމުގެ ކުރިން 1 އަހަރުގެ ޕްރީސްކޫލް ތަޢުލީމްތުއްތުކުދިނަށް ހިލޭ ފޯރުކޮށްދިނުމެވެ. ސަރުކާރުން ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދިނުމަށް ނިންމުމާއެކު، މި ކުޑަކުޑަ ދިވެހިރާއްޖެއިން މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، 2 އަހަރުގެ ޕްރީސްކޫލްގެ ފުރުޞަތު ތުއްތުކުދިންނަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށްވެފައެވެ.

ސަރުކާރުގެ މިނިންމެވުމާއި އެކު 2016 ވަނަ އަހަރު ސިޓީތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކެއްގައި ޕްރީސްކޫލްގެ 2 އަހަރު ދުވަހުގެ ތައުލީމް ހިލޭ ފޯރުކޮށްދެއްވަން ވަނީ ފަށްޓަވާފައެވެ. އަދި މި އަހަރު ސިޓީ ތަކުގައި ޕްރީސްކޫލް ޚިދުމަތް ހިލޭ ފޯރުކޮށްދެއްވަން ފަށްޓަވައި، މާލޭގެ އަވަށު ސްކޫލްތަކުގައި މި ޚިދުމަތް ވަނީ ފެށާފައެވެ.