ޚަބަރު

"3 އަހަރުގެ ސަރުކާރުގައި ޖަނެރޭޓަރެއް ގެންނަން މަސައްކަތް ނުކުރޭ"


ތިން އަހަރުގެ ސަރުކާރެއް ނިމިގެން ދިޔައިރު މާލެއަށް ކަރަންޓު ދިނުމުގެ ގޮތުން ސްޓެލްކޯއަށް ރަނގަޅު ފެންވަރުގެ ޖަނެރޭޓަރެއް ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ ޓިކެޓުގައި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ޙަވާލުކުރުމަށް  ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ސްޓެލްކޯއަށް، އަޅާނުލުމުގެ ޒިންމާ މިއަދުގެ ސަރުކާރުން ނަގަންޖެހިފައިވާ ކަމަށާއި، އެއުނދަގޫ މިއަދު ރައްޔިތުންވެސް ތަޙައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.

ސަރުކާރު ކުންފުނިތަކަކީ އެކުންފުނިތަކުގެ ޒާތުގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަކަށް ވާންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެފަދަ ކުންފުނިތަކަށް ސަރުކާރުން ސަބްސިޑީ ދެވެން ނެތީ އެއަށްވުރެ ސަރުކާރުން ސަބްސިޑީ ދޭންޖެހޭ މުހިއްމު އެހެން ކަންތައްތައް ގިނަ ކަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ކަރަންޓް އުފައްދާ ކުންފުންޏެއް މިވަރުގެ ބޮޑު ސަބްސިޑީއެއްގައި ހިންގާ ކަމަށްވަންޏާ ދެން ތިބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ ރާއްޖޭގެ ތަރައްޤީގެ ހުރިހާ މަޝްރޫޢުއެއް ހިންގަމުން ދެން ކިހިނެއްތޯ ކަރަންޓް ދޭ ކުންފުންޏަށް ސަބްސިޑީ ދޭނީ އެއަށްވުރެ އިސްކުރަންޖެހޭ ސަބްސިޑީއަކީ ކާޑުގެ ސަބްސިޑީއާ ބޭހުގެ ސަބްސިޑީއަށް ވަންޏާ،." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ދަތިކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ދަޢުލަތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ދިވެހި ޤައުމުގެ ޚަޒާނާއަކީ އަމިއްލަ ފުދުންތެރިކަމެއް އޮންނަ ޚަޒާނާއަކަށް ވާންޖެހޭނެ ކަމަށާއި އެ ޚަޒާނާގައި ހުންނަ ފައިސާއަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ފައިސާއަށް ވާންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ މި ލިބޭ އާމްދަނީއަކީ އަޅުގަނޑުމެން ޚިޔާލަށް ނުގެންނަވާ، ޒުވާނުންގެ ޚިޔާލަށް ނުގެންނަވާ ސަރުކާރުން ބޭނުވިޔަސް ކޮންމެކަމެއް ކޮށެއް ނުދެވޭނެ. ސަރުކާރުގެ ދަތިތަކެއް އެބަހުރޭ. ސަރުކާރުގެ ދަތިތައް ހުންނަ ގޮތް މި ދެންނެވީ. އެއް ކަމަކަށް ސަބްސިޑީ ދީފައި ދެން އެކުންފުނި ފޫބައްދަން ލާރި ނުދެވޭ ކަމަށް ވަންޏާ މާދަމާ ފެންނާނީ އެ ކުންފުނި ބަނގުރޫޓްވެފައި އޮތްތަން،." ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޑިމޮކޮރަސީގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ އެކިކަންކަމަށް ރައްދުދެއްވާފައެވެ.

ރައީސްވިދާޅުވީ، މިސަރުކާރު ވެރިކަމަށްއައީ ޑިމޮކްރަސީގެ ޕެކޭޖަކާއެކު ކަމަށާ، އިސްލާމީ އުސޫލުތަކާއި، ދިވެހި ޤައުމިއްޔަތުގެ ސިފަތަކުގެ ތެރޭގައި ޑިމޮކްރަސީ ހަރުދާނުކުރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުންދާކަމަށެވެ. މިނޫސް ގޮތަށް ޑިމޮކްރަސީގެ ނަމުގައި އެހެންމީހުންގެ ހައްޤުތަކަށް އަރައިގަތުމުގެ ފުރުސަތު އެއްވެސްބަޔަކަށް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.