ޚަބަރު

މިއީ ވޭތުވެދިޔަ 12އަހަރުތެރޭ ދިމާވި ކަރަންޓުގެ އެންމެ ބޮޑުޙާދިސާ"


މިއަދު މުޅި މާލެއިން ކަރަންޓުދިއުމަށް ދިމާވި ޙާދިސާއަކީ، ވޭތުވެދިޔަ 12 އަހަރުދުވަހުގެތެރޭގައި މާލޭއަށް ދިމާވި ކަރަންޓުގެ އެންމެބޮޑު ޙާދިސާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

މާލެއަށް ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި ސްޓެލްކޯއިން ބުނީ މިބޮޑު މައްސަލަ ޙައްލުކުރުމަށް މިއަދު ކުރި މަސައްކަތުން ލިބުނީ ވަރަށްބޮޑު ކާމިޔާބެއްކަމަށެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހީމް ރައޫފު ވިދާޅުވީ، މިއަދު މައްސަލަދިމާވީ 2014 ވަނަ އަހަރު، އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ޙާދިސާއާގުޅިގެން އެތަނަށް ވަގުތީ ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކާ، ގުޅާފައިހުރި ސްޓެލްކޯގެ ސުވިޗްގިޔަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. މިމައްސަލައަކީ ވަރަށްބޮޑު މައްސަލައެއްކަމަށާ، މިބާވަތުގެ މައްސަލަތަކަކީ އޭގެ ސަބަބުން ކަރަންޓުދޭ މުޅި ސިސްޓަމު އެކުގައި ފެއިލްވެގެންދާވަރުގެ ކަމެއްކަމަށް ރައޫފް ވިދާޅުވިއެވެ.

އެހެންނަމަވެސް ނިސްބަތުންބަލާއިރު، ވަރަށްއަވަހަށް މިމައްސަލަ ޙައްލުކުރެވުނުކަމަށާ، އެއީ ސްޓެލްކޯއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

" ތަންކޮޅެއް ކުރީގައި އެމްޑަބްލިއުއެސްސީއަށް ވަގުތީ ކަރަންޓެއް ދިނުމަށް، އަޅާފައި އޮތް ކޭބަލެއް އެއީ. އެކޭބަލްގައި ހުރި އަޅުގަނޑުމެންގެ ސުވިޗްގިޔަރަކަށް ދިމާވި ޓެކްނިކަލް އިޝޫއަކާހެދި، ދެން އަޅުގަނޑުމެންވެސް އެކަންބޮޑަށް ދިރާސާކޮށްފައި އެ ސްވިޗްގިޔަރަށް ދިމާވިގޮތް ދަންނަން. އެއީ ހަޤީގަތުގައި ވަރަށްބޮޑު ގްރައުންޑު ފޯލްޓެއް އެއީ. ޓެކްނިކަލް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެގާރަހާސް ވޮޓްގަ އެކަހަލަ ފޭސްޓްފޭސް ގްރައުންޑް ފޯލްޓެއް ހިނގައިފިއްޔާ އެއީ ވަރަށްބޮޑު ފޯލްޓެއްކަން. އަޅުގަނޑުމެންގެ ޕްޓޮޓެކްޝަން ސިސްޓަމް ވަރަށްރަނގަޅަށް ތައްޔާރުކޮށްފައި ހުންނަނީވެސް އެހެންނަމަވެސް އެކަހަލަ ފޯލްޓެއްގައި ވާނެގޮތަކީ، (ފޯލްޓެއް އަތުވެއްޖެނަމަ) ފޯލްޓް އެއަންނަގޮތުން އަޅުގަނޑުމެންގެ އެ ސިސްޓަމްވެސް (ފެއިލްވެގެން)ދާހިސާބަށްދޭ. އެސިސްޓަމަށްވެސް ޕްރޮޓެކްޓް ނުވެދޭ. އެކަހަލަ ޙާދިސާއެއް މިއަދުގެ ޙާދިސާއަކީ." ރައޫފު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ނާޝިދު ވިދާޅުވީ، މިއަދު ދިމާވި މައްސަލަ ޙައްލުކުރުމުގައި ޢާއްމު ރަށްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނުކަމަށެވެ. އަދި މިހާރު މާލޭގައި މިއޮތީ ކަރަންޓުގެ ޢާއްމު ޙާލަތަށް ރުޖޫޢަވެފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މިފަދަ މައްސަލަތަކަކީ މުޅިން ޙައްލުކުރެވޭނެ ކަންކަންނޫންކަމަށާ، މިފަދަ ކަންކަމަށް ތައްޔާރުވެ، މައްސަލަތައް އަވަހަށްޙައްލުކުރުމަށާއި، ދިމާވާ ދަތިތައް ކުޑަކުރެވޭނެ ގޮތްތައް ހޯދައި ތައްޔާރަށް ތިބެންޖެހޭކަމަށެވެ. މިހާރުގެ ސަރުކާރުން އެފަދަ ނިޒާމެއް ސްޓެލްކޯގައި ޤާއިމުކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމު އަޕްގްރޭޑުކޮށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

" މާލޭގެ ކަރަންޓުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ވަރަށްބޮޑެތި ޚަރަދުތަކެއް ކުރެވިގެން މިދަނީ، އަހަރެއްގެމައްޗަށް ފަންސާހަކަށް ފަސްދޮޅަހަކަށް މިލިޔަން ރުފިޔާ، ޑިސްޓްރިބިއުޝަން މަސައްކަތަށް އެކަނިވެސް ޚަރަދުކޮށްގެން މާލޭގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑުކުރުމުގެ މަސައްކަތް ސްޓެލްކޯއިންދަނީ ކުރަމުން." ނާޝިދު ވިދާޅުވިއެވެ.