ޚަބަރު

ނަޒާޙަތްތެރިކަމުގެ ވަޢުދުގައި އޭވިއޭޝަން ކޮމާންޑުން ސޮއިކޮށްފި


ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އެއަރޕޯޓް އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުން ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމަކީ އެހެނިހެން ޔުނިފޯމް ބޮޑީޒްތަކަށް ދައްކުވައިދޭ ނަމޫނާއެއްކަމަށެވެ. އަދި އޭވިއޭޝަން ކޮމާންޑުގައި ކުރާ މަސައްކަތަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރުމަކީ މަސައްކަތްކުރާ މުވައްޒަފުންނަށް ހަނދާންކޮށްދޭ ހަނދާންކޮށްދިނުމެއް ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

"އޭވިއޭޝަން ކޮމާންޑްއާއި ގުޅޭ ކޯޑް އޮފް އެތިކްސް އާއި ޤަވާޢިދުތަކެއް ވާނެ. މިއީ ރައްޔިތުންނާއި ޓުއަރިސްޓުންގެ ފުރާނާއާއި ގުޅިފައިވާ ކަމެއްކަމަށްވާއިރު މިއީ އިންޓެގްރިޓީ ކޮމްޕްރޮމައިސްކުރެވޭނެ މަސައްކަތެއްނޫން" އޭސީސީގެ ރައީސް ވިދާޅުވިއެވެ.

2015 ވަނަ އަހަރުން ފެށިގެން ތަޢާރަފްކޮށްފައިވާ ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސަރުކާރުގެ ގިނަ އިދާރާތަކުން އަންނަނީ ސޮއިކުރަމުންނެވެ. މިވަޢުދުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސަރުކާރުގެ އިދާރާތަކުން ދިހަހާހަށްވުރެ ގިނަ މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.