ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމްގެ ފައުންޑޭޝަން، ފައިސަލް ފައުންޑޭޝަނުން އަންނަނީ ކާށިދޫ އަދި ގާފަރުގައި އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ފައުންޑޭޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން އެ ދެރަށުގައި ކުރިއަށް ގެންދާ އެންމެ މުޙިއްމު ޙަރަކާތަކީ ދެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ މެޑިކަލް ކޭމްޕެވެ. މިއީ މި ދެރަށުގެ ރައްޔިތުން އެކަމަކަށްޓަކައި އަބަދުވެސް އިންތިޒާރުކުރާ ކަމެއްކަން ރަށުގެ ބައެއް މީހުންނާ ވާހަކަދައްކާލުންމުން އެނގިގެންދިޔައެވެ.
"އަޅުގަނޑުމެންގެ އަތުން އެއްވެސް ޚަރަދެއް ނުގޮސް، ފައިސަލްގެ އަމިއްލަ ޚަރަދުގައި މިކަން އަޅުގަނޑުމެންނަށް ކޮށްދޭތީ ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ. އެއީ އަމިއްލަ ރަށުގައި ތިބެގެން މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭތީވެ،" ކާށިދޫގެ އިސް ރަށްވެއްސަކު ޕީއެސްއެމްއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށިދޫ އަދި ގާފަރުގައި ބާއްވާ މެޑިކަލް ކޭމްޕްއާ ގުޅޭ ގޮތުން އެފައުންޑޭޝަންގެ ބާނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ އޭނާގެ ފައުންޑޭޝަންގެ ފަރާތުން މިފަދަ މެޑިކަލް ކޭމްޕެއް ބޭއްވުމުގެ އެންމެ މައިގަނޑު ސަބަބަކީ ދެ ރަށުގެ ރައްޔިތުން މާލެ ދިއުމަށްޓަކައި ކަނޑުމަތީގައި އުފުލާ ބުރަތަކާއި މާލޭގައި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
img:http://s3.psmnews.mv/images/660x400/14887179891462.jpg|މެޑިކަލް ކޭމްޕްއަށް ޑޮކްޓަރަށް ދެއްކުމަށް ގޮސްތިބި ބައެއް / ފޮޓޯ: ޕީއެސްއެމް
"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން މާލެއާ ކައިރީގައި ދިރިއުޅުނަސް ކަނޑު ހުރަސް ކޮށްފައި މާޅެ ދިއުމަކީ ފަސޭހަ ކަމަކަށް ވަނީ ނުވެފައި، އެހެންވީމަ ރަށުގައި ތިބެގެން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފުރުޞަތު އެ ރައްޔިތުންނަށް ފަހިކޮށްދިނުން މިކަމުގެ އެންމެ ބޮޑު މަގްސަދަކީ،" ފައިސަލް ވިދާޅުވިއެވެ.
ކާށިދޫ އަދި ގަފާރުގައި ފައިސަލް ފައުންޑޭޝަންގެ ފަރާތުން ބޭއްވި މެޑިކަލް ކޭމްޕްގައި ތަފާތު ހަތަރު ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ބަލި މީހުންނަށް ބަލައި އިރުޝާދު ދެއްވިއެވެ. އެ ދާއިރާތަކަކީ ކުޑަކުދިންގެ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް، އެތެރެހަށީގެ ބަލިތަކެވެ. އަދި ކެންސަރަށް ސްކޭން ކުރުމާއި އޯޓިޒަމަށް ސްކްރީން ކުރުންވެސް މިފަހަރުގެ މެޑިކަލް ކޭމްޕްގައި ހިމެނެއެވެ.
ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންދިޔައީ ކެންސަރ ސޮސައިޓީއާ ގުޅިގެނެވެ. އަދި ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުވުމަށާއި ހަކުރު ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް މި ދެ ރަށުގައި ވަނީ ހޭލުންތެރިކަމުގެ ޝެޝަންތަކެއް ނަގައިދީފަވެ.
ފައިސަލް ފައުންޑޭޝަންގެ ފަރާތުން މި މެޑިކަލް ކޭމްޕްއަށް ބޮޑު ތަރުޙީބުތަކެއް ލިބިގެންދިޔަކަން ފާހަގަކުރެވެ. ކާށިދޫގައި 195 މީހަކަށް ފައިސަލް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްގައި ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ގާފަރުގައި 288 މީހަކަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ.