ޚަބަރު

ދެގަޑިއިރަށްފަހު މާލެއަށް ކަރަންޓު ލިބިއްޖެ


ދެގަޑިއެއްހައިއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު މާލެއަށް ކަރަންޓު ލިބިއްޖެއެވެ.

ކަރަންޓު ކެނޑުނީ، އެމްޑަބްލިޔުއެސްސީއަށް ކަރަންޓުދިނުމަށް ސްޓެލްކޯއިން ބަހައްޓާފައި ހުރި ޓްރާންސްފޯމަރުގެ އާތު ފޯލްޓެއް ދިމާވެގެންކަމަށް ސްޓެކްކޯއިން ބުނެއެވެ. މިމައްސަލައާ ގުޅިގެން ސްޓެލްކޯއިން މާލެއަށް ކަރަންޓުދިނުމށް ބޭނުންކުރާ ހުރިހާ ޖަނަރޭޓަރުތަކެއް ނިވުނުކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ. 

މިހާރު އަލުން މާލެއަށް ކަރަންޓު ދީފައިވާއިރު، އެމްޑަބްލިއު އެސްސީ ހިމެނޭ ސަރަޙައްދަށް ކަރަންޓުދޭން ވަގުތުކޮޅެއް ނަގާނެކަމަށް ސްޓެލކޯއިން ބުނެއެވެ. އެސަރަޙައްދަށް އެކީގައި އަދި ކަރަނޓެއް ނުލިބެއެވެ. 

ކަރަންޓު ކެނޑުމާއެކު މެދުކެނޑުނު ފެނުގެ ޚިދުމަތްވެސް މިހާރުވަނީ އަލުން ދޭންފަށާފައެވެ. އެހެންނަމަވެސް އެމްޑަބްލިއުއެސްސީ ހިމެނޭ ސަރަޙައްދުގެ ބައެއްގޭގެއަށް ޕްރެޝަރުގައި އަދި ފެނެއްނުލިބެއެވެ. މިމައްސަލަ ވަރަށް އަވަހަށް ޙައްލުވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. 

މިއަދު މާލެއިން ކަރަންޓު ކެނޑުމާއެކު މޯބައިލް ފޯނުގެ ޚިދުމަތަށްވެސް ބުރޫއެރިއެވެ. އެގޮތުން މޯބައިލް އިންޓަނެޓާއި، ފޯނުކުރުމުގެ ޚިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހނެވެ. މި ހުރިހާކަމެއްވެސް މިހާރުވަނީ ޙައްލުވެފައެވެ.