ސިއްހަތު

ޞިއްޙީ ދާއިރާގެ ޙާލަތު ދެނެގަތުމަށް ޚާއްޞަ މަސައްކަތްތަކެއް


ބައިނަލްއަޤްވާމީ ސިއްޙަތު މުޢާޙަދާގެ ދަށުން ޤައުމުތަކުން ކުރުން ލާޒިމުވާ ކަންކަން ރާއްޖޭގައި ފުރިހަމަކުރެވިފައިވާ މިންވަރު ދަނެގަތުމަށް ހެލްތު މިނިސްޓްރީއާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، "ޑަބްލިޔުއެޗްއޯ" ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވައިފިއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޙާލަތު ދަނެގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

ބައިނަލްއަޤްވާމީ ޞިއްޙަތު މުޢާހަދާގެ ދަށުން ރާއްޖެއަށް ހާޞިލުކުރެވިފައިވާ ކަންކަން ދަނެގަތުމުގެ މަސައްކަތް ކުރައްވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯގެ ފަސް މެމްބަރުންގެ ޓީމަކުންނެވެ. މީގެކުރިން ރާއްޖޭގެ ޞިއްޙީ ޙާލަތު ދެނެގަންނަނީ ޑަބްލިޔު.އެޗް.އޯއިން ފޮނުވާ ސުވާލު ކަރުދާސްތަކުގެ ޖަވާބުތައް ދިރާސާކޮށްގެންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދު ވިދާޅުވީ މިމަސައްކަތް ނިމޭއިރު ރާއްޖޭގެ ސިއްޙީ ޙާލާތު މިހާރު އޮތް މިންވަރާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެވޭނެ ކަމަށެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ބައްލަވައި އެކަންކަން ފުރިހަމަކުރެއްވުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށް ޙުސައިން ރަޝީދު ވިދާޅުވިއެވެ.

"ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅެމުންދާއިރު ވަރަށް ފުރުޞަތު އޮވޭ އެއްޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރު ވަރަށް ފަސޭހައިން ކުރެވެމުންދާއިރު އެއްޤައުމުގައި ފެތުރެމުންދާ ބަލިމަޑުކަމެއް ރާއްޖެއަށް ވެސް އައުން. އެހެންވީމާ އެކަން ހުއްޓުވުމަށްޓަކައި ރާއްޖޭގައި ޤާބިލްކަން ހުރީ ކިހާވަރަކަށްތޯ އެފަދަ ބައްޔެއް ރާއްޖެއަށް އަތުވެއްޖެނަމަ އެކަމަށް ފަރުވާ ދިނުމާއި ބަލި ތަޙުލީލުކޮށް އެކަން ދަނެގަތުމުގެ ޤާބިލުކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ މަސައްކަތެއްމީ" ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ޓީމުގެ މަސައްކަތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔު.އެޗް.އޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރް ވިދާޅުވީ ބައިނަލްއަޤްވާމީ ސިއްޙަތު މުޢާހަދާގައި ރާއްޖެއިން ސޮއިކުރުމަށްފަހު ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުންތަކެއް ރާއްޖެއިން ހާޞިލްކޮށްފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ބަލިތަކުން ސަލާމަތްވެތިބުމަށްޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ސިއްޙަތު މުޢާހަދާގައި ރާއްޖެއިން ބައިވެރިވެ ޢަމަލުކުރަންފެށީ 2007 ވަނަ އަހަރުއެވެ. އެމުޢާޙަދާގައި ހިމެނޭ ކަންކަން ޙާޞިލްކުރެއްވުމަށްޓަކައި ކަމާއިގުޅޭ ދާއިރާތަކުން ކޮމެޓީއެއް އެކުލަވާލައްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތުގައި ރާއްޖޭގެ އެކި މުޢައްސަސާތަކުގެ އެއްބާރުލުމާއި، އެހީތެރިކަން ލިބެމުންދާކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ސިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި ޑަބްލިޔުއެޗްއޯގެ ޓީމުގެ ބޭފުޅުން 5 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާނެއެވެ.

މިއީ މިމުޢާހަދާގައި ހިމެނޭ ކަންކަން ފުރިހަމަ ކުރެވިފައިވާ މިންވަރު ދެނެގަތުމަށް ޑަބްލިޔުއެޗްއޯގެ ޓީމެއް ހިމެނިގެން މި ސަރަޙައްދުގެ ޤައުމެއްގައި މިމަސައްކަތް ކުރެވޭ ދެވަނަ ފަހަރެވެ. ޑަބްލިޔުއެޗްއޯގެ ޓީމަކުން މިމަސައްކަތް އެންމެ ފުރަތަމަ ކުރައްވާފައިވަނީ ބަންގްލަދޭޝްގައެވެ.