ސިޔާސީ

ޕީ.ޕީ.އެމްއާ އަލަށް ގުޅުނު 9000 މީހުންގެ ފޯމް ހުށައަޅައިފި


ސަރުކާރު ހިންގާ ޕާޓީ، ޕީ.ޕީ.އެމްއާ އަލަށް ގުޅުނު 9000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅައިފިއެވެ. މި ފޯމްތަކަކީ ޕީ.ޕީ.އެމަށް ސަތޭކަ ހާސް މެންބަރުން ހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތި އިބްރާހީމް އިސްނަންގައިވައިގެން ކުރިއަށްގެންދަވާ ހަރަކާތުގެ ތެރެއިން ހުށައެޅި ފޯމްތަކެއް ކަމަށް ޕީ.ޕީ.އެމުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށައެޅުމަށް ޕީ.ޕީ.އެމަށް ނިސްބަތްވާ، ބައެއް މަޖިލިސް މެންބަރުންނާއި، އެ ޕާޓީގެ ބައެއް އިސް މެންބަރުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން ވަޑައިގެންފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ، މިއަދު ހުށައެޅި 9000 ފޯމަކީ، ޕީ.ޕީ.އެމުން އެއްދުވަސްތެރޭ ހަމަކުރި 11000 ފޯމުގެ ތެރެއިން އެއްބައި ކަމަށެވެ. ޕީ.ޕީ.އެމްއަށް ސަތޭކަ ހާސް މެންބަރު ހަމަކުރުމަށް ކުރިއަށް ގެންދަވާ މަސައްކަތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500 މީހުން އެ ޕާޓީއާ ގުޅެމުންދާ ކަމަށް ފަލާހް ވިދާޅުވިއެވެ.

" އެއް ދުވަސްތެރޭ 11000 މެންބަރު އަޅުގަނޑުމެން ހަމަކޮށް، މިއަދު 9000 ހުށައެޅީ. އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މެޑަމް ފާތުން އިސްނަންގަވައިގެން ޕީ.ޕީ.އެމަށް މެންބަރުން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތައް. ޕީ.ޕީ.އެމްގައި މިހާރު ތިބި މެންބަރުންނާއި، އަލަށް ގުޅުމަށް ހުށައެޅި ފޯމްތަކާއެކު ޕީ.ޕީ.އެމްގެ މެންބަރޝިޕް ހަތްދިހަ ހާހަށް އަރާނެ. ވީމާ މިއަހަރު ތެރޭ ސަތޭކަ ހާސް ހަމަކުރުމުގެ ޓާގެޓާ ވަރަށް ކައިރިއަށް ދެވިފައި މިއޮތީ " ފަލާހް ވިދާޅުވިއެވެ.

ޕީޕީއެމްއިން ދަނީ އެޕާޓީއަށް މީހުން އިތުރުކުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްވެސް ޕާޓީއަކާ ގުޅިފައިނުވާ 800 މީހުން މިދިޔަ ހަފްތާގައިވެސް އެޕާޓީއާ ގުޅިފައިވެއެވެ.