ވިޔަފާރި

ޔޫޒަބަލް ރިޒާވް އަންނަނީ އިތުރުވަމުން- މަރުކަޒީ ބޭންކް


ޖެނުއަރީމަސް ނިމުނުއިރު، ބޭރުފައިސާގެ އެކިއެކި މުޢާމަލާތްތަކަށް ވަގުތުން ވަގުތަށް މަރުކަޒީ ބޭންކުން ބޭނުންކުރުމަށް ހުންނަ ފައިސާގެ އަދަދު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޖެނުއަރީމަހުގެ އިޤްތިޞާދީ މުރާޖައާ ރިޕޯޓްގައިވާގޮތުން ޖެނުއަރީމަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، 201.5 (ދުއިއްސައްތަ އެކެއް ޕޮއިންޓް ފަހެއް) މިލިއަން ޑޮލަރެވެ. މިއީ އޭގެކުރީ ޑިސެމްބަރުމަހާ އަޅާބަލާއިރު، އެކެއް އިންސައްތައިގެ އިތުރުވުމެކެވެ.

މަރުކަޒީ ބޭންކްގެ މި ރިޕޯޓްގައިވާގޮތުން ޖެނުއަރީމަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 476.1 (ހަތަރުސަތޭކަ ހަތްދިހަ ހައެއް ޕޮއިންޓް އެކެއް) މިލިއަން ޑޮލަރުގައެވެ. މަރުކަޒީ ބޭންކްގެ މާލީބަޔާންތަކަށް ބަލާއިރު، މަހަކަށްވުރެ މަހެއް ރާއްޖޭގެ ރަސްމީރިޒާވް އަދި މަރުކަޒީ ބޭންކްގެ ރިޒާވް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.