މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގަދަ 11 އިޢުލާންކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑުން އެއް ބައިވެރިއަކު ކަޓައި، ދެވަނަ ޝޯވއަށް ދަތުރުކުރި 11 ބައިވެރިން އިޢުލާންކޮށްފިއެވެ.

ގާލާ ރައުންޑުގެ ދެވަނަ ޝޯވއަށް ދަތުރުކުރި 11 ބައިވެރިން އިޢުލާންކޮށްފައިވަނީ ޓީވީއެމްއިން މިރޭ ދެއްކި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ އެލިމިނޭޝަން ނައިޓުގައެވެ. މިރޭގެ ޝޯވއިން މޯލްޑިވިއަން އައިޑަލްއާ ވަކިވެގެން ދިޔައީ ރ. މީދޫއިން އައިޑަލްއާ ގުޅުނު އުމުރުން 18 އަހަރުގެ މުޙައްމަދު ހަމްދާންއެވެ.

މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ދެވަނަ ޝޯވއަށް ދަތުރު ކުރި ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ މަތިން ޕޮއިންޓް ލިބުނު 11 ބައިވެރިންނެވެ. 

ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ މިދިޔަ ހުކުރު ދުވަހުގެ ރޭ ޓީ.ވީ.އެމުން ގެނެސްދީފައިވާއިރު، ބައިވެރިންގެ ފަރާތުން ވަނީ ހިތްގައިމު ރީތި ހުށައެޅުންތަކެއް ފެނިގެންގޮސްފައެވެ. އަދި މިރޭވެސް ބައިވެރިންވަނީ ވަރަށް ހިތްގައިމު ހުށަހެޅުންތަކެއް ހުށަހަޅާދީފައެވެ. 

img:http://s1.psmnews.mv/images/660x400/14886544315233.jpg|އައިޑަލް ޝޯވއިން ވަކިވެގެންދިޔަ މުޙައްމަދު ހަމްދާން / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ރަޢުފްގެ ލަވަތަކަށް މިރޭގެ ޝޯވ ޚާއްސަ ކޮށްފައިވާއިރު، މިރޭގެ ޝޯވގެ ގެސްޓް ޖަޖެއްގެ ގޮތުގައި ފާތިމަތު ރަޢުފްވަނީ ބައިވެރިވެފައެވެ. މިރޭގެ ޝޯވގައި ފާތިމަތު ރައުފްގެ އަޑުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ބައެއް ލަވަތައް ބައިވެރިންގެ ފަރާތުން ހުށަހަޅާދިނެވެ.  

އައިޑަލްގެ ޙަޤީޤީ ފެށުމަކީ ގާލާ ރައުންޑެވެ. ސަބަބަކީ އައިޑަލަކަށްވުމަށް ބައިވެރިން ކުރާ ބުރަ މަސައްކަތުގެ ޙަޤީޤީ ޖޯޝާއި ފޯރި ފެންނަ ހިސާބަކީ މިއީ ކަމަށްވާތީއެވެ. އަދި ބައިވެރިންގެ ހުރި ކުޅަދާނަކަމާއި ޤާބިލުކުރަން ޝޯވގެ ޖަޖުންނަށާއި ބެލުންތެރިންނަށް މިނެކިރާލަން ލިބޭ އެންމެ އަގުހުރި ފުރުޞަތަކީވެސް ގާލާ ރައުންޑުގެ ޝޯވތައްކަމަށްވާތީއެވެ.

ގާލާ ރައުންޑާއެކު، ބައިވެރިންގެ މެދުގައިވެސް ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވޭއިރު، ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު އައިޑަލް ޝޯވއާ ވަކިވެގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލަށް ދަތުރުކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.