ޓުއަރިޒަމް

ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާއަށް އިޝްތިހާރުކުރަނީ


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ކ.މާފުށްޓަކީ ގެސްޓް ހައުސް ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރަމުން އަންނަ އެއް ރަށެވެ. މާފުށީ ރައްޔިތުން ނަފާ ހޯދުމުގެ މައިގަނޑު މަސައްކަތެއް ގޮތުގައި ބަރޯސާވެފައި އޮތް މިމަސައްކަތުން އެރަށުން ރައްޔިތުންނަށް ރަނގަޅު ނަފާއެއް ލިބެއެވެ. މިރަށަކީ ރާއްޖޭގެ ރަށެއްގައި ގެސްޓް ހައުސް ހިންގުމަށް އެންމެ ފުރަތަމަ ހުއްދަ ދެވުނު ރަށެވެ. ސަތާރަ ސަތޭކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މާފުށީގައި، ސާޅިހަށްވުރެ ގިނަ ގެސްޓް ހައުސް ހިންގައެވެ. ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތެއް ގެންދަވަނީ ކުރައްވަމުންނެވެ.

"ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ މާރކެޓަށް ޕްރޮމޯޓްކުރުމަށް ކ. މާފުށީގައި ޚާއްޞަ ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވަނީ މާފުށްޓަށް ޒިޔާރަތްކުރައްވައި، އެރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާ މާރކެޓަށް ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް، މި މަސައްކަތުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، ޚިޔާލު ބަދަލުކުރެއްވިއެވެ. 

img:http://s3.psmnews.mv/images/660x400/14886379050624.jpg|މާފުށީގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާ އިންޑިއާގެ ސަފީރު ބައްދަލުކުރައްވަނީ

މިބައްދަލުކުރެއްވުމާ ގުޅޭގޮތުން ހުންނަވާ ސަފީރު ވިދާޅުވީ މި ބައްދަލުކުރެވުމުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ހުށަހެޅި ކަންތައްތަކަށް އިންޑިއާއިން އެހީތެރިކަން ދޭނެކަމަށެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އިންޑިއާއިން އެހީތެރިވެދޭނެކަމަށެވެ. ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި މިކަންކަމަށް ޙައްލު ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.

ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް މިމަސައްކަތް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓްރީ ޖެނެރަލް ޓީވީއެމް ނިއުސްއާ ޙިއްޞާކުރިއެވެ. އެ އެސޯސިއޭޝަންގެ ނާއިބު ރައީސް ވިދާޅުވީ، ގެސްޓް ހައުސް ވިޔާފާރި ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމަށް ކުރެވުނު މަސައްކަތުން މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިފައިވާ ކަމަށެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އާރޓިސްޓުން ވަނީ މާފުށީގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މާފުށްޓަށް ކުރެއްވި އެއްދުވަހުގެ މިޒިޔާރަތުގައި މާފުށީގެ ކައުންސިލްގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ. ގެސްޓްހައުސް ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް 2016 ވަނަ އަހަރު ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް ނަމުގައި ވަނީ ޚާއްޞަ ކޮންފަރެންސެއް ވެސް ބާއްވާފައެވެ.