ޚަބަރު

"ރެނާޓަސް އިތާ މުތް" ކޮމްޕްލެކްސްގެ ފައުންޑޭޝަން ނިމިއްޖެ


ހުޅުމާލޭގައި އިންޑިޔާގެ އާރު.ޕީ.ޕީ ގްރޫޕުން ތަރައްޤީކުރާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން މަސައްކަތް ނިމިއްޖެއެވެ.

ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ފަންތީގެ ފްލެޓްތައް ހުޅުމާލޭގައި ގެންދަވަނީ ތަރައްޤީކުރައްވަމުންނެވެ. މިގޮތުން ހަތްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރެއްވުމުގެ މަސައްކަތް ސަރުކާރުން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކާއި ޙަވާލުކުރައްވާފައެވެ.

ހުޅުމާލޭގައި "ރެނާޓަސް އިތާ މުތް" މިނަމުގައި އިންޑިޔާގެ އާރް.ޕީ.ޕީ ގްރޫޕުން ކުރިއަށްގެންދާ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މިމަސައްކަތުގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާކަމަށާއި ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް މަސައްކަތް ނިމޭނެކަމަށް އާރްޕީޕީ ގްރޫޕުން މަޢުލޫމާތުދެއެވެ. 

އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް މިމަޝްރޫޢުގެ މަސައްކަތް ނިންމާލުމެވެ.

72 އެޕާޓްމަންޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ދަށުން އެޕާޓްމަންޓްތައް ޢިމާރާތްކުރަމުންދަނީ ހުޅުމާލޭ ފެރީ ޓާރމިނަލް ކައިރީގައެވެ. މިއެޕާޓްމަންޓްތަކަކީ ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭނެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްކަމަށާއި، އެތަނުގައި ހަތަރު ޕެންޓްހައުސްގެ އިތުރުން އެއް ކޮޓަރި، ދެ ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ތަރައްޤީކުރެވޭނެކަމަށް އާރް.ޕީ.ޕީ ގްރޫޕުން މަޢުލޫމާތުދެއެވެ.

އެކުންފުނިން ވަނީ އެޕާޓްމަންޓްތައް ބުކްކުރުމުގެ ފުރުޞަތުވެސް އާއްމުކޮށް ހުޅުވާލާފައެވެ. މިއެޕާޓްމަންޓް ކޮމްޕްލެކްސްގައި ފިޓްންސް ކްލަބަކާއި، ކުޑަކުދިންގެ ޕްލޭ ރޫމާއި އެހެނިހެން ވަޞީލަތްތައް ޤާއިމުކުރެވޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.