ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް ނޫސްވެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަނުން ވޯރކްޝޮޕްތަކެއް ފަށައިފިއެވެ.
މިގޮތުން ކުރިއަށް ގެންދާ ފުރަތަމަ ވޯރކްޝޮޕް ބާއްވާފައިވަނީ ހިރިޔާ ސްކޫލުގައެވެ. މި ވޯރކްޝޮޕުގައި މާލޭގެ ތިން ސްކޫލަކުން ޖުމްލަ ފަންސަވީސް ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ހިރިޔާ ސްކޫލުގެ 15 ދަރިވަރުންނާއި ތާޖުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުގެ 5 ދަރިވަރެކެވެ.
މި ވޯރކްސޯޕުގައި އިންޓޮރޮޑަކްޝަންޓު ޖާރނަލިޒަމާއި، މީޑިއާ އެތިކްސް ގެ އިތުރުން ނިއުސް އެންޑް ކަރަންޓް އެފެއާޒް އާއި ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް އެ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.މީޑީއާ ޑިވެލޮޕްމަންޓް ފައުންޑޭޝަންގެ ޗެއަރމަން އަޙްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މި ވަރކްޝޮޕްތަކުގެ ސަބަބުން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ނޫސްވެރިކަމާއި ގުޅޭ މަޢުލޫމާތު އެނގި އެ ދާއިރާއަށް ޝައުގުވެރިކަން އުފެދޭނެ ކަމަށެވެ.
"މީޑިއާ އަކީ ރާއްޖޭގައި ވެސް އަދި ދުނިޔޭގައިވެސް ހަތަރުވަނަ ބާރު. ހަތަރުވަނަ ބާރުގެ ގޮތުގައިވާއިރު ރައްޔިތުންނާއި ކަންކަން އަންގައިދިނުމާއި ހޭލުންތެރިކުރުމާއި މި ހުރިހައި ކަމަކަށް ނޫސްވެރިން އެބަޖެހޭ އިސްދައުރެއް އަދާކުރަން. ރައްޔިތުންނަށް ދުވަހުން ދުވަހަށް ނިންމާ ނިންމުންތައް ނިންމުމަށް ސައްޙަ މައުލޫމާތަކީ ވަރަށް މުހިންމު އެއްޗެއް. މައުލޫމާތު ފޯރުކޮށްދޭނެ ބަޔަކު އުފައްދާ ތައްޔާރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އޭގެ ވަރަށް ބޮޑު ފެށުމެއް އަޅުގަނޑުމެން މި ފަށްޓަނީ.،" އަޙްމަދު ޒާހިރު ވިދާޅުވިއެވެ.
މި ވޯރކްޝޮޕުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ. ރާއްޖޭގެ ވީހާވެސް ގިނަ ސްކޫލެއްގައި މިފަދަ ވޯކްޝޮޕްތައް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަނުން ހާމަކުރެއެވެ.