ޚަބަރު

"މާލެސިޓީ ކްލީނިން ޗެލެންޖް"ގައި މިފްކޯ އިން ބައިވެރިވެއްޖެ


"މާލެސިޓީ ކްލީނިން ޗެލެންޖް" ގައި ބައިވެރިވެ މިފްކޯ އިން މިއަދު މާލޭގެ ބައެއް ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްފިއެވެ. 

"މާލެސިޓީ ކްލީނިން ޗެލެންޖް"  އެންރޭންޖް ކުންފުނީގެ އިސްނަގައިގެން ހިންގާ ޚާއްސަ ޙަރަކާތެކެވެ. މި ޗެލެންޖުގައި ބައިވެރިވުމުން، ސާފުކުރުމަށް މިފްކޯއާ ޙަވާލުކުރި ސަރަޙައްދަކީ ބޮޑުތަކުރުފާނު މަގުގެ ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާ ހަމައަށް އޮތް ސަރަޙައްދެވެ. 

"މާލެސިޓީ ކްލީނިން ޗެލެންޖް"ގެ މަޤުޞަދަކީ މާލެސިޓީ ސާފު ތަނަކަށް ހެދުމެވެ. މިއީ އެންރޭންޖުގެ ފަރާތުން އިސްނަގައިގެން ވެމްކޯއާއި ޕީއެސްއެމާ ގުޅިގެން ކުރިއަށްގެންދާ ޗެލެންޖެކެވެ. ސާފުކުރުމުގެ މި ޗެލެންޖް ރާވާފައިވަނީ، ކޮންމެ ހަފްތާއަކު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން މާލޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއް ސާފުކުރާ ގޮތަށެވެ. 

ސާފުކުރުމަށް ކަނޑައެޅޭ މުއައްސަސާއަކުން ސާފުކުރުމުގެ މަސައްކަތް ނިންމާލާނީ ޖެހިގެން އަންނަ ހަފްތާގައި ސާފުކުރަން ނިކުތުމަށް ކޮންމެވެސް އެހެން ކުންފުންޏަކަށް ޗެލެންޖްކުރުމަށްފަހުއެވެ. މިފްކޯގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، އެކުންފުނިން  ޗެލެންޖުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއެވެ. މިފްކޯ މި ހަފުތާގައި ސާފުކުރަން ނުކުތީ މިދިޔަ ހޮނިހިރު ދުވަހު ބަނޑޮސް އައިލަންޑް ރިސޯޓުން މިފްކޯއާ ޗެލެންޖުކޮށްފައިވާތީއެވެ.

img:http://s3.psmnews.mv/images/660x400/14886148669463.jpg|މިފްކޯއިން މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޙަރަކާތުގެތެރެއިން

މިފްކޯގެ ފާރާތުން ވާހަކަދެއްކި އޮފިޝަލެއްކަމަށްވާ މުޙައްމަދު ލަމްޢާން ވިދާޅުވީ މި ޙަރަކާތުގައި މިފްކޯގެ މުވައްޒަފުން ބައިވެރިވީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށެވެ. އަދި މިއީ މިފްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރި ވަރަށް ވަރަށް މުހިންމު މަސައްކަތެއްކަމަށް ލަމްއާން ފާހަގަކުރިއެވެ. 

" މިގައި ޚާއްޞަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަރުދީ ޒިންމާއެއް ހުރިހައި ފަރާތްތަކަށް ވެސް އެބަ އަދާކުރަންޖެހެއޭ. އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ނިކުމެވެސް ހުރިހައި މަގުތަކެއް ސާފުކުރެވިދާނެ. ނަމަވެސް މަގަށް އަޅާކުނި ނޭޅުން އެއީ މުހިންމު ކަމަކީ. އެހެންވީމަ އެކަން އެބަޖެހޭ ހުއްޓުވަން. އެހެންކަމުން މިކަމުގައި ކުރަންޖެހޭ ފަރުދީ ޒިންމާ ހުރިހާއި ފަރާތްތަކުން އަދާކުރުމަށް މިފްކޯ ޓީމުން ގޮވާލަން. އަދި ޚާއްސަކޮށް އަޅުގަނޑުމެންނަށް ޗެލެންޖަކަށް މިއޮތީ އެމްޑަބްލިޔުއެސްސީ. އަޅުގަނޑު ދަންނަވާނީ މިފްކޯގެ މި ފޯރީގައި ނިކުމެވޭނެ އެހެން އެއްވެސް ކުންފުންޏެއް ނޯންނާނޭ މި ޤައުމުގައި." ލަމްޢާން ބުންޏެވެ. 

img:http://s3.psmnews.mv/images/660x400/14886148467110.jpg|މިފްކޯއިން މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޙަރަކާތުގެތެރެއިން

މިޓީމުން ސާފުކުރި ސަރަޙައްދުން ގިނަ ޢަދަދެއްގެ ކުނިބުނި އެއްކޮށްފައިވާ ކަމަށާއި ވެށި ސާފުކުރެވޭނީ ކުނި އެޅުން މަދުކުރެވިގެން ކަމަށް އެޓީމުގެ އެހެން ބައިވެރިންވެސް ފާހަގަކުރިއެވެ. 

އެއްއަހަރު ދުވަހުގެ މުއްދަތަށް ސިލްސިލާކޮށް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްގެންދާ މި ޗެލެންޖަށް މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށް އެން ރޭންޖުން ބުނެއެވެ. އަންނަ ހަފްތާގެ ހޮނިހިރު ދުވަހު މި ޗެލެންޖްގެ ދަށުން މާލެ ސާފުކުރަން ނުކުންނާނީ އެމްޑަބްލިޔުއެސްސީ ގެ މުވައްޒަފުންނެވެ.