ކުޅިވަރު

44 ޓީމާއިއެކު އިންޓަރ ސްކޫލް ވޮލީ މުބާރާތް ހޯމަ ދުވަހު ފަށަނީ


17 ސްކޫލަކާއި، 5 ކޮލެޖަކުން ވާދަކުރާ އިންޓަރ ސްކޫލް ކޮލެޖް ޔުނިވާރސިޓީ ވޮލީބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ވޮލީބޯޅަ އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ. 

3 އުމުރުފުރާ ހިމެނޭގޮތަށް، ކޮލެޖް ބައިން ޖުމްލަ 44 ޓީމް މި އަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތުގައި އަތޮޅުތެރޭގެ 6 ރަށެއްގެ ސްކޫލްތަކުން ވާދަކުރާނެއެވެ. އެ ސްކޫލްތަކަކީ ބ.ގޮއިދޫ ސްކޫލް، ކ.މާފުށި ސްކޫލް، ތ.ވިލުފުށި ސްކޫލް، ފ.އަތޮޅު މަދަރުސާ، ރ.އަލިފުށި ސްކޫލްގެ އިތުރުން މ.މަޑިފުށި ސްކޫލެވެ. 

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ މިފަހަރު އަތޮޅުތަކުން ވާދަކުރާ ސްކޫލްތަކަށް އެސޯސިއޭޝަނުން މާބޮޑެތި އެހީތަކެއް ނުވެވުނުކަމުގައިވިޔަސް ސްކޫލްތަކުން މުބާރާތުގައި ވާދަކުރަން ނިންމުމުން އެ ސްކޫލްތަކަށް ޝުކުރު އަދާކުރައްވާކަމަށާއި، މިއަހަރަކީ ސްކޫލް މުބާރާތުގައި އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ އަހަރުކަމަށެވެ. 

މިގޮތުން މި އަހަރު ޖުމްލަ 408 ކުޅުންތެރިން ފެނިގެންދާނެކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ. 

"މިއަހަރަކީ ވޮލީގެ ތާރީޚުގައި އެންމެ ގިނަ ކުޅުންތެރިން ފެނިގެންދާ މުބާރާތް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މާލެއިން ބޭރު ހަ ރަށެއްގެ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެފައިވާކަން، އެކަން ފާހަގަކޮށް އެ ސްކޫލްތަކަށް ޝުކުރުވެސް އަދާކުރަން" ލަތީފް ވިދޅުވިއެވެ.

މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިކޮށްފައިވާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލެވެ. މި ތިން ސްކޫލުންވެސް ހަތަރު ޓީމް ބައިވެރިކޮށްފައިވެއެވެ.