ކާބަފައިން ދިވެހިންނަށް ދޫކުރެއްވި އެންމެ އަގުހުރި އަމާނާތަކީ އަދި ތަރިކައަކީ ދިވެހި ޤައުމު އެ އުޞޫލުތަކުގައި އަބަދުވެސް ހިފަހައްޓަންޖެހޭ ދުޞްތޫރީ ތަރަޙަ ތަކުގައި ހިފެހެއްޓުން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދުސްތޫރީ ތަރަޙަތަކުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނުގެ ޙިދާޔަތް މި ޤައުމަށް ލިބިފައި އަބަދުމެ އޮންނަންޖެހޭ ކަމަށެވެ. އޭގެތެރޭގައި އަމިއްލަ ވެރިކަމުގެ ސިޔާދަތާއި ރައްކާތެރިކަން އޮންނަންޖެހޭ ކަމަށާއި ދިވެހި ވަންތަ ކަމުގެ އަސާސްތަކުގައި ދިވެހިން ހިފަހައްޓަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
" ދިވެހިންގެ ތެރޭގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަ ކަމަށް ރައްކާތެރިވެ ދިވެހިރާއްޖޭގެ ބިމުގެ ސަރަޙައްދުގެ އެއްބައިވަންތަކަމަށް ރައްކާތެރިވެ ދިވެހިންގެ ތާރީޚާ އާދަކާދައާ ސަގާފަތާ ދިވެހިންގެ ތަރިކަތަކަށް ރައްކާތެރިވެ އަމާނާތްތެރިވާންޖެހޭ،" އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ސަޢީދުގެ ވާހަކަފުޅުގައި ވަނީ އިސްތިއުމާރާ ގުޅޭ ގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އިސްތިއުމާރަކީ އަދިވެސް ދުނިޔޭގައި ދެމިއޮތް ނުރައްކާތެރި އެއްޗެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ކަންކަމަށް އިހުވެސް ދިވެހިން ސަމާލުވި ފަދައިން މިއަދުވެސް އެކަންކަމަށް ހޭލާ ތިބުމަށް އުއްތަމަ ފަނޑިޔާރު ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
" ބާރުވެރި ޤައުމުތަކުގެ މަސްލަޙަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކުދި ޤައުމުތަކަށް ނުފޫޒާއި ފިއްތުންތައް ކުރިމަތިކުރުވަން ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތައް ބޭނުން ނުކުރައްވާ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި އދގެ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް ގޮވާލެއްވިއެވެ.