ޚަބަރު

އެމްއެމްއައި، ލިމްކޮކްވިންގް އާއެކު އެމްއޯޔޫއެއެއްގައި ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާގެ، މީޑިއާ އިންސްޓިޓިއުޓް، "މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް" ގައި ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީކަމުގައިވާ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ އިންޓަރނޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ޕީ.އެސް.އެމްއާއި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއިން ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ޕީއެސްއެމްގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ލިމްކޮކްވިން ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިންނެވެ. މިއީ ޕީއެސްއެމްގެ މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އަކީ މީޑިއާގެ ދާއިރާއަށާއި ކްރިއޭޓިވް އިންޑަސްޓްރީއަށް މީހުން ބިނާކުރުމަށް ރަޖިސްޓްރީކޮށް 2015 ން ފެށިގެން ހިންގަމުން އަންނަ ޓްރޭނިންގ އިންސްޓިޓިއުޓެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ލިމްކޮކްވިންގް ޔުނިވަރސިޓީގައި ހިންގާ، ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ކޯސްތަކާއި، ފިލްމް ހެދުމާއި، ގްރެފިކް ޑިޒައިނިނިންގާއި، އެނިމޭޝަންގެ އިތުރުން އާރޓްސްގެ ދާއިރާއާ ގުޅުން ހުރި ކޯސްތައް، ޕީ.އެސް.އެމްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައިގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި، ޕީ.އެސް.އެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، ޗެއަރމަން އިބްރާހީމް ޢުމަރު މަނިކެވެ. ލިމްކޮކްވިންގް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް، ބްރޭންޑް ކްރިއޭޓިވިޓީ އެންޑް ޓެލެންޓް ޑިވެލޮޕްމަންޓް، ދާތޯ ޑރ. ޓިފާނީ މެރީ ލިމްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރުމަނިކު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ލިމްކޮކްވިންގް ޔުނިވާސިޓީގައި ހިންގާ މީޑިއާއާއި ގުޅުންހުރި، ޑިޕްލޮމަރއިން ފެށިގެން ޑިގްރީ ފެންވަރުގެ ކޯސްތައް އެމްއެމްއައި ހިންގާނެކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ފަހިވާނެކަމަށެވެ. އަދި މިއީ މީޑިއާގެ ދާއިރާއިން ރާއްޖޭގައި މީހުން ބިނާކުރުމަށް ހުޅުވުނު އިތުރު ދޮރެއްކަން ޚަލީލު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މީޑިއާގެ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން މިފަދަ ފުރުޞަތުތައް ފަހިކޮށްދެއްވާތީ، ޕީ.އެސް.އެމްގެ ނަމުގައި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ އަދުގެ ސަރުކާރަށާއި، ވަކިން ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެެވެ.

މިރަސްމިއްޔާތުގައި ލިމްކޮކްވިންގް ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ދާތޯ ޑރ. ޓިފާނީ މެރީ ލިމް، ދެއްކެވި ވާހަކަގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި، މީޑިއާގެ ދާއިރާއިން ތަޢުލީމީ ޤާބިލު މީހުން ބިނާކުރުމުގެ ފުރުޞަތު އެ ޔުނިވަރސިޓީއަށް ލިބުމަކީ ޝަރަފެއްކަމަށެވެ.

މި ރަސްމިއްޔާތަށްފަހު، ލިމްކޮކްވިންގ ޔުނިވަރސިޓީގެ ފަރާތުން ރާއްޖެ އައިސްއުޅޭ ވަފްދުގެ ބޭފުޅުން ވަނީ ޕީ.އެސް.އެމްގެ ރޭޑިއޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގއަށް ވަޑައިގެން، ރޭޑިއޯ އަދި ޓީވީގެ އެކި ބައެއް މަސައްކަތްތަކާއި އެމަސައްކަތްކުރެވޭ ވަޞީލަތްތަކާއި ތަންތަން ބައްލަވާލައްވާފައެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގެ ކެންޕަސްތައް މެލޭޝީއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ. އެގޮތުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތަކުގައި އެ ޔުނިވަރސިޓީގެ 13 ކެމްޕަސް ހުރެއެވެ. އަދި އެ ޔުނިވަރސިޓީގައި 165 ޤައުމަކުން 30 ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދެއެވެ.