ޚަބަރު

"ބޭރުގެ ފިއްތުންތަކާއި ނުފޫޒުތަކަށް މި ސަރުކާރު އޮތީ ހޭލާ"


ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް އަތް ބޭނުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުން ރާޢްޖެއަށް ޝައުގުވެރިކަން ފާޅުކުރަނީ ދިވެހިންނަށް ހެޔޮއެދިގެން ނޫންކަމަށާއި އެފަދަ ފަރާތަކަށް ސަމާލުވުމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ގޮވާލައްވައިފިއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ ދިވެހިންގެ ދާޚިލީކަންކަމާއި ބެހި ބަސްބުނަމުންދާ ފަރާތްތަކަކީ އިސްލާމް ދީނުގެ ޢަދުއްވުންކަން ދިވެހިން އަބަދުވެސް ހަނދާކުރަންޖެހޭކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ލޯތައް ދިވެހި ޤައުމަށް އޭރާއި މިހާރުވެސް އަމާޒުވެފައިވަނީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގެ ފިއްތުންތަކާ އެފަދަ ފަރާތްތަކުގެ ނުފޫޒު ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތްތަކަށް ކުރިމަތި ކުރުމަށް ނުވަތަ ދިވެހިން އަޅުވެތި ކުރުމަށް، ކުުރާ ކަންތައްތަކަށް މިއަދުގެ ސަރުކާރު އޮތީ ވަރަށް ރަނގަޅަށް ހޭލާ އެކަމަށް ފާރަވެރިވެގެން،" މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، އަދުގެ ރައީސް ޢަބްދުﷲ ޔާމީނަކީ އިސްލާމްދީން ދެކެ ލޯބިވާ އިސްލާމީ ވަޙްދަތު ޤައުމުގައި ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ގައުމަށްޓަކައި ޤުރުބާންވެވަޑައިގަންނަވާ ޤައުމީ ބަތަލެއްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"އެމަނިކުފާނު ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކަކީ މީގެކުރިން އެއްވެސް ވެރިއަކަށް ކޮށްދެވިފައި ނުވާ ވަރުގެ ޚިދުމަތްތަކެއް. އިސްލާމްދީން ޙިމާޔަތް ކޮށްދެއްވާ ޤައުމުގެ އިސްތިޤްލާލް ރައްކާތެރިކޮށްދެއްވާ ގައުމަށް އެއްތައް ގޮތަކުން ތަރައްޤީ ގެނެސް ދެއްވާ ތަފާތު މަޝްރޫޢުތައް ޤައުމުގައި ހިންގަވާ ނިންމަވަމުން އެ ގެންދަވަނީ އަޅުގަނޑުމެންގެ ލޯމަތީގައި." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހުރަވީދުވަސް ނިސްބަތްވެގެން ވަނީ އައްސުލްތާން ޣާޒީ ޙަސަން އިއްޒުއްދީނުލް ހުރަވީއަށެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި އަލާކުރެއްވުމެވެ.