ދުނިޔެ

މުބާރަކްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމަކުން ސަލާމަތްވެއްޖެ


މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް އެޤައުމުގެ ކޯޓަކުން ބާތިލުކޮށްފިއެވެ.

މިސްރުގެ ކޯޓަކުން ކުރި މި ހުކުމްގައި ބުނެފައިވަނީ 2011 ވަނަ އަހަރު މިސްރުގައި އޭރު އޮތް ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނިކުމެ މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މަރުވި މީހުންގެ މައްސަލައިގައި ޙުސްނީ މުބާރަކް ކުށްވެރި ނުވާ ކަމަށެވެ.

މި މައްސަލައިގައި ޙުސްނީ މުބާރަކްގެ އިތުރުން މިސްރުގެ އޭރުގެ ދާހިލީ ވަޒީރާއި އިތުރު 6 އޮފިޝަލެއްގެ މައްޗަށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެ ފަރާތްތަކާއިމެދު އޭރު ދައުވާ އުފުލުމުގައި އިޖުރާޢީ މައްސަލަތަކެއް ހުރިކަމަށް ބުނެ، އިސްތިއުނާފުގެ މަރުޙަލާގައި އޭގެ 2 އަހަރު ފަހުން މުބާރަކް ނޫން އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.

އުމުރުފުޅުން 88 އަހަރުގެ މުބާރަކްގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކުރި ނަމަވެސް އޭނާ ގެންދަވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލަައިގެ ޖަލު ހުކުމް ފުރިހަމަ ކުރައްވަމުންނެވެ.