ޚަބަރު

ސިފައިންގެ ޤާނޫނަށް އިޞްލާޙުގެންނަން ޕީ.ޕީ.އެމުން ތާޢީދުކޮށްފި


ސިފައިންނަށް ވޯޓްލެވޭގޮތަށް އޮތުމަކީ، ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވެއްދުމަށް މަގުފަހިވާކަމެއްކަމަށާއި، ސިފައިންގެ ޤާނޫނަށް އިޞްލާޙުގެންނަވަން ޑިފެންސް މިނިސްޓަރ ނިންމެވި ނިންމެވުމަށް ތާއީދުކުރާކަމަށް ޕާޓީ ޕީ.ޕީ.އެމުން ބުނެފިއެވެ. 

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭގޮތަށް ސިފައިންގެ ޤާނޫނަށް އިސްލާޙް ގެންނެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ތާއީދުކުރާކަން ހާމަކޮށް، ޕީ.ޕީ.އެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ ނާއިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވީ، ޕީ.ޕީ.އެމުން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށެވެ. 

ދިވެހި ރައްޔިތުންގެ ސަލާމަތާއި، އަމާންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިއްބަވާ ދިވެހި ސިފައިން ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބޭ ބަޔަކަށްވުމަކީ އެޕާޓީން ބޭނުންވާ ގޮތްކަމަށާ، ސިފައިންނަށް ވޯޓު ލެވޭގޮތަށް އޮތުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ސީޔާސީ ގޮތުން އެންމެ ބޮޑަށް ފައިދާކުރާނެ ގޮތްނަމަވެސް އެގޮތް ރައީސް ޔާމީނުގެ ސަރުކާރުން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ މޮޓޯއަކީ އެންމެ ފުރަތަމަ ޤައުމު. ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެންމެ އިސްކަން ދޭނީ ޤައުމުގެ މަސްލަޙަތައް. އަލުގަނޑުމެން ވިސްނާލި އިރު، ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިތިބި ބަޔަކަށް ވެއްޖެއްޔާ އޭގެ ފައިދާ ޤައުމަށް އެބައޮތް. ޤައުމުގެ އަމާންކަމާއި، އޮމާންކަމާއި، ސުލްހަ މަސަލަސްކަން ޤާއިމްވެގެންދާނެ." ޢަބްދުއްރަހީމް ވިދާޅުވިއެވެ. 

ޕި.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވީ، ޙައްޤުތަކަށް މަސައްކަތްކުރާ ބޮޑެތި ޤައުމުތަކުގައިވެސް މިލިޓަރީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމަށް މިފަދަ އިޞްލާޙްތައް ގެނެސްފައިވާކަމަށެވެ. ސަރުކާރުން ސިފައިންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ގިނަ މަސައްކަތް ކުރައްވާއިރުވެސް، މިފަދަ އިޞްލާޙެއް ގެންވަނީ އިޚްލާސްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ސިފައިން ހެއްދެވުމަށްކަމަށް ނިހާން ވިދާޅުވިއެވެ. 

" ސިޔާސީ ގޮތުން ވެރިންގެގޮތުގައި ތިބޭ ބަޔަކު ސިފައިންގެ ފަރާތުން ނާޖައިޒް ފައިދާ ނުނަގޭނެ ދުނިޔޭގެ ފެންވަރުގެ ނަމޫނާއަކަށް އަޅުގަނޑުމެން މި ތާއީދުކުރަނީ. އެކަން މަޖިލާހަށް ފޮނުވުމުން އެކަން އަޅުގަނޑުމެން ކުރާނަން." ނިހާން ވިދާޅުވިއެވެ. 

މުޅި ޤައުމުގެ ދިފާޢުގައި އެވެސް ފަރާތަކަށް ނުޖެހޭގޮތަށް މަސައްކަތްކުރާނެ ބަޔަކު ތިބެން ޖެހޭނެކަމަށާއި، ސިފައިންގެ ޤާނޫނަށް ގެންނަވާ އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުން ކުރިއަށް އޮތް އިންތިޚާބުތައް ފެށެންވާއިރަށް އެ އިޞްލާޙު ފާސްކުރަން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އިސްކަމެއް ދީގެން މަސައްކަތް ކުރާނެކަމަށް ޕީ.ޕީ.އެމުން ބުނެއެވެ.