ޚަބަރު

އަފްރާޝީމުގެ ހަނދާނީ މިސްކިތެއް ޢިމާރާތްކުރަން ޙަވާލުކޮށްފި


ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ބިނާކުރާ އިސްލާމީ މަރުކަޒު ޢިމާރާތް ކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފިއެވެ. 

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނުގެ އުފަންރަށުގައި އިސްލާމީ މަރުކަޒެއް ޢިމާރާތް ކޮށްދެއްވާނެ ކަމަށް ޢިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

ރ.އުނަގޫފާރަކީ ޑރ.އަފްރާޝީމް ޢަލީގެ އުފަން ރަށެވެ. ޑރ.އަފްރާޝީމް ޢަލީ ޤައުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުގެ ހަނދާނެއްގެ ގޮތުން، އެމަނިކުފާނުގެ އުފަން ރަށް، އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އިޢުލާން ކުރެއްވީ ރ.އިފުރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ޚަރަދު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ މި މިސްކިތް ފަރުމާ ކުރެވިފައިވަނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

މިމިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮ، އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ މި މަޝްރޫޢަކީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫއެއް ކަމަށެވެ. 

" އުނގޫފާރުގައި ބިނާކުރާ އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ބިނާ ކުރާ ތިން ވަނަ އިސްލާމީ މަރުކަޒު. މިއީ މާލެއިން އުތުރުގައި ބިނާ ކުރާ ފުރަތަމަ އިސްލާމީ މަރުކަޒުވެސްމެ. މި މަރުކަޒަކީ ޑރ އަފްރާޝީމްގެ ހަނދާނުގައި ރ.އަތޮޅާއި، ޚާއްސަކޮށް އުނގޫފާރުގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބޭނެ މަރުކަޒެއް. " ޑރ. އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންނެވި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢަމަރު ވިދާޅުވީ، ޑރ.އަފްރާޝީމް ފަދަ ވަރުގަދަ ބޭފުޅެއްގެ ހަނދާނުގައި އިސްލާމީ ބިނާއެއް ހެދުމަކީ ރ.އަތޮޅުގެ ކޮންމެ ދަރިއަކުވެސް ފަޚުރުވެރިވާ ކަމެއްކަމަށެވެ. 

" ޑރ އަފްރާޝީމަކީ އަޅުގަނޑުގެ އެކުވެރިއެއް. އަޅުގަނޑާއެކު ތަޢުލީމީ ހަޔާތުން ބޮޑު ބައެއް ހޭދަކުރެއްވި. އަދި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި ހިސާބުންވެސް  އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮތް. ރ.އަތޮޅާއި، އުނގޫފާރުގެ ކޮންމެ މީހަކުވެސް އަފްރާޝީމާ މެދު ފަޚްރުވެރިވާނެ." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

އުނގުފާރު ދާއިރާގެ މެންބަރު ޖައުފަރު ދާޢޫދު ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ބިނާގެ ބޭނުން މުޅި ރ.އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިތަނަކީ ދީނީ ޢިލްމް ފަތުރުމާ މައި މަރުކަޒަށް ވެގެންދާނެ ކަމަށްވެސް ޖައުފަރު ވިދާޅުވިއެވެ.

އުނގޫފާރުގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް 510 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއްހާސް މީހުންގެ ނަމާދުކުރާ ހޯލެއްގެ އިތުރުން، ކްލާސްރޫމްތަކާއި، ދެ ޖިންސަށް ވަކިން ވުޟޫކުރާ ތަންތަނާއި، ފާޚާނާބަރިއެއް މި އިސްލާމި މަރުކަޒުގައި ހުންނާނެއެވެ. އަދި މިތަން ޑިޒައިން ކުރެވިފައިވަނީ ކަރަންޓް ޚަރަދުކުޑަކޮށް ސާފުވަޔާއި ގުދުރަތީ އަލި ލިބޭނެ ގޮތަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުން ކުރެވޭގޮތަށެވެ. އުނގޫފާރު ކައުންސިލުން ވަނީ އެރަށުގެ ބަނދަރުމަތިން ބޮޑު ބިމެއް އިސްލާމީ މަރުކަޒު ޢިމާރާތް ކުރުމަށް ކަނޑައަޅުއްވާފައެވެ.