ޚަބަރު

މާލީ ބަޔާނާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އައްޑޫ ސްކޫލްތަކަށް !


މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މާލީ ބަޔާން ތައްޔާރުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އައްޑޫސިޓީގެ ސްކޫލްތަކަށް އަމާޒުކުރައްވައިގެން އޮޑިޓް އޮފީހުން ހިންގަވައިފިއެވެ. 

އެއްދުވަހުގެ މުއްދަތައް އައްޑޫ ހައިސްކޫލްގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައިވަނީ، ސައްޙަ މަޢުލޫމާތު އެކުލަވާލައިގެން އެންމެ ފަހުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ސްކޫލްތަކުގެ މާލީ ބަޔާން ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ދީފައެވެ. އައްޑޫސިޓީގެ އެގާރަ ސްކޫލަށް އަމާޒުކުރައްވއިގެން ކުރިޔަށް ގެންދެވި މި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީއަކީ އެންމެ ގިނަ އިދާރާތައް ހިމެނޭ، އަދި ދައުލަތުން އެންމެ ބޮޑު ބަޖެޓް ކަނޑައަޅުއްވާފައިވާ އެއް މިނިސްޓްރީކަމަށެވެ. އެމިނިސްޓްރީގެ އޮޑިޓް ރިޕޯޓަކީ އެންމެ ބޮޑު އެންމެ މުހިންމު އެއް އޮޑިޓް މަޝްރޫޢުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން  ސްކޫލްތަކުގެ ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. 

"އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން 228 ސްކޫލް އެބަ ހިންގަވާ. އަދި އެންމެ ގިނަ އިދާރާތައްވެސް ހިމެނެނީ އެޑިއުކޭޝަން މިނިސްޓްރީގައި. އެ މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުގެ ދިހަ އިންސައްތަ އެބައޮވޭ ކަނޑައަޅުއްވާފައި. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީއަކީ އެންމެ މުހިންމު އެންމެ ބޮޑު އޮޑިޓެއް ކުރަންޖެހޭ މިނިސްޓްރީ." އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. 

މި މަސައްކަތު ބައްދަލުވުން ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތެވެ.