ޚަބަރު

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރަކަށްވުމާއެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސް ކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ. މިގޮތުން ލައިފްޖެކެޓާއި، މުއާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބަލާ ޗެކްކޮށް އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސަމާލުކަންދިނުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން، ޑައިވް ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށްވެސް އެމްއެޑީއެފުން އެދިލައްވައެވެ.

އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް މެދުރާއްޖެތެރެއާއި ދެކެނުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވައެވެ.