ޚަބަރު

ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ބޭރުގެ ފަރާތްތަކުގެ


ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ބޭރު ޤައުމުތަކުގެ ވެރިންނާއި، ޢިއްޒަތްތެރިންގެ ޤަދަރަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

މިކަމާގުޅޭ ގޮތުން، ފުލުހުން މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނާއި، ޢިއްޒަތްތެރިން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާ ދިމާކޮށް އެޤައުމުތަކުގެ ސިޔާދަތާއި، އެ ޢިއްޒަތްތެރިންގެ ޝަރަފާއި، ޢިއްޒަތާއި ޤަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ޞަރަޙައްދެއްގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެފަދަ ޢަމަލެއް ހިންގާ ކޮންމެ ފަރާތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.

ފުލުހުންގެ އިދާރާއިން މިގޮތަށް އަންގަވާފައި މިވަނީ، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލްޢަޒީޒް އަލް ޞަޢޫދު އޭޝިއާގެ ބައެއް ޤައުމުތަކަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގައި ދިވެހިރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.